އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ޕާރކްވޮލީ މުބާރާތް ހިންގުމުގައި އާރުބީޖީ ސްޕޯރޓްސް ކުލަބް

ކުޅިވަރު ފަހުގެ

އއ.ބޮޑުފޮޅުދޫ ކައުންސިލުން ބޮޑުފޮޅުދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”ލެގޫންވިއު ރަށުފޯރި”ޕާރކް ވޮލީ މުބާރާތް ހިންގުމަށް ބޮޑުފޮޅުދޫގައި ހަރަކާތްތެރި ވަމުން އަންނަ އެންމެ އެކްޓިވް ކުލަބު އާރުބީޖީ ސްޕޯރޓްސް ކުލަބުން ހަވާލުވެ މުބާރާތް ފޯރިޔާއެކު ކުރިއަށް ދާކަމަށް އެކުލަބުން ބުނެފިއެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ މީ ކައުންސިލްގެ ރަސްމީ 100 ދުވަސްތެރޭ ކުރުމަށް ކައުންސިލުން ނިންމާފައިވާ ބައެއްކަންކަމުގެ ތެރެއިން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކުޅިވަރު މުބާރާތެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ކައުންސިލުން 2 ޖިންސަށް އަމާޒުކޮށްގެން ޕާރކްވޮލީ މުބާރާތެް އިއުލާންކޮށް، މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ކުލަބުގެ ހިންގާކޮމިޓީގެ މެމްބަރުންގެ މަޝްވަރާއާއި އެކު އާރުބީޖީއިން މިމުބާރާތް ހިންގުމަށް ހަވާލުވީ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ފެށުނީއްސުރެވެސް ބޮޑުފޮޅުދޫ ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުލަބެއްކަމަށާއި، ކައުންސިލުން އެދުމުން ބައެއް ކަންކަން ހިލޭ ސާބަހަށްވެސް ކޮށްދެމުން އަންނަ އެކުލަބުން މައުލޫމާތު ދެއެވެ.

ޕާރކް ވޮލީ މުބާރާތާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އާރުބީޖީގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި މުބާރާތް ހިންގުމާއި އާރުބީޖީސްޕޯރޓްސް ކުލަބުން ހަވާލުވީ އެކުލަބުންވެސް ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ތައްޔާރުވަމުން ދިޔަ ދުވަސްކޮޅެއްގައި ކަމަށާއި، މުބާރާތް ހިންގުމަށްޓަކައި ކުލަބުން ފެށި ވޮލީ ޓްރެއިނިންގް ކޭމްޕް މެދުކަނޑާލާފައިވާކަމަށެވެ.

އިތުރަށް ނަސީމް ވިދާޅުވީ މުބާރާތް ހިންގަނީ ކައުންސިލުން މުބާރާތް ރާވާ ހިންގައިދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އަގުދީގެންކަމަށާއި، ކުލަބުން މަސައްކަތް ކުރަނީ ވީހާވެސް ރަގަޅަކަށް މިމުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ނިންމާލުމަށެވެ.

ބޮޑުފޮޅުދޫ ކައުންސިލުން އިންތިޒާމްކޮށް އާރުބީޖީ ސްޕޯރޓްސް ކުލަބުން ހިންގަމުންގެންދާ ”ލެގޫންވިއު ރަށުފޯރި ޕާރކްވޮލީ” މުބާރާތް ފަށާފައިވަނީ ސެޕްޓެމްބަރ މަހުގެ 25 ވީ ހޮނިހިރު ދުވަހު ހަވީރު އެވެ. މިމުބާރާތުގައި ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 4 ޓީމްވަނީ ބައިވެރިވެފައެވެ.

މިމުބާރާތް ފައްޓަވައިދެއްވީ ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ. މިމުބާރާތް ކުރިއަށް ގެންދަނީ ލީގްއުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާޓީމެއް ސީދާ ފައިނަލްގައި ބައްދަލުކުރާގޮތަށް ޕޮއިންޓްޓޭބަލްގެ 2 ވަނަ އަދި 3 ވަނަ ޓީމް ސެމީފައިނަލް މެޗެއް ކުޅުވާގޮތަށެވެ.

ލެގޫންވިއު ރަށުފޯރި ޕާރކްވޮލީ” މުބާރާތުގެ މެއިންސްޕޮންސަރ އަކީ އއ.ބޮޑުފޮޅުދޫ ލެގޫންވިއު ގެސްޓްހައުސް އެވެ. އަދި ކޯރ-ސްޕޮންސަރުންނަކީ ޝައިންގޭޓް، ލެޝާރއިން ގެސްޓްހައުސް، ކޮކޯޒްބީޗް’ ހޮލިޑޭވިލެޖް ރިޓްްރީޓް، އަދި މެދުއުތުރު ހޯލްސޭލްއެވެ. މުބާރާތުގެ ވަނަވަނަ އަށް ހޮވޭ މަޤާމްތަކަށް ޓްރޮފީއާއި ސެޓްފިކެޓް ފޯރުކޮށްދެނީ ކައުންސިލުންނެވެ.

މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމްތަކުގެ ތެރޭގައި މުބާރާތުގެ 2 ޖިންސުންވެސް އެންމެ މޮޅު 4 ކުޅުންތެރިންގެ އިތުރުން މުޅިމުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ އާއި އެންމެ އުންމީދީ ކުޅުންތެރިޔާ ހިމެނެއެވެ.

އޮކްޓޯބަރ 3 ވަނަ ދުވަހަގެ ކުރިން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް އާރުބީޖީ ސްޕޯރޓްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ