ސާފް ޗެމްޕިއަންޝިޕް : ބަންގްލަދޭޝް އިން ލަންކާ ބަލިކޮށްފި

ކުޅިވަރު ފަހުގެ

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 1-0 އިން ސްރީ ލަންކާ ބަލިކޮށް ބަންގްލަދޭޝް އިން ފެށުން ރަނގަޅުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މި ހާފުގައި މާ ގިނަ ހަމަލާތަކެއް ނުފެނުނުއިރު މެޗު ޑޮމިނޭޓްކޮށްގެން ބޮޑަށް ކުޅުނީ ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝް އިން މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. އެޓީމުގެ ޔާސީން އަރަފާތު އަރިމަތިން ނަގައިދިން ހުރަސް ތޯޕޫ ބަރްމަން ބޮލުން ޖެހުމުން އެ ބޯޅަ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ލަންކާއިންނެވެ. އެޓީމުގެ ކަވިންދޫ އިޝާން ހާފު މެދުން ކީޕަރު ބޯމަތިން ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ހަމަލަތާއް މަދުވި ނަމަވެސް ދެ ވަނަ ހާފުގައި ބަންގްލަދޭޝް އިން ދިޔައީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ތޯޕޫ އެވެ. މިއީ ލަންކާގެ ކުޅުންތެރިއެއް އޭރިޔާ ތެރެއިން ބޯޅައިގައި އަތުން ޖެއްސުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ދިނުމުން ލަންކާ ކުޅުންތެރިން ވަނީ ރެފްރީ ވަށާލައި ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ.

13 ވަނަ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ނޭޕާލާ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ. މިއީ ހަމައެކަނި ރާއްޖެ ހޯސްޓެއްގެ ގޮތުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތް ކާމިޔާބުކުރީ ރާއްޖޭންނެވެ.

ނޭޕާލް އާއި ރާއްޖެ ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ