އާރުބީޖީ ސްޕޯރޓްސްް ކުލަބުން ހިންގި އެރަށުކައުންސިލްގެ ލެގޫންވިއު ރަށުފޯރި ޕާރކްވޮލީމުބާރާތް ނިންމާލައިފި

ކުޅިވަރު ފަހުގެ

އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސްް ކުލަބުން އެރަށު ކައުންސިލުން ޕާރކްވޮލީ މުބާރާތެއް ހިންގާދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި އެކު ”ލެގޫންވިއު ރަށުފޯރި ޕާރކްވޮލީ މުބާރާތް ހިންގުމާއި ހަވާލުވެ ކާމިޔާބު ކަމާއިއެކު އެމުބާރާތް ނިންމާލައިފިއެވެ.

ލެގޫންވިއު ރަށު ފޯރި ޕާރކްވޮލީ މުބާރާތަކީ އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރަސްމީ 100 ދުވަސް ތެރޭ 2 ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކުޅިވަރު ހަަރަކާތް ތަކުގެތެރެއިން ބޭއްވިގެންދިޔަ މުބާރާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ސެޕްޓެމްބަރ 24 ވަނަ ދުވަހު ފެށި މި މުބާރާތުގައި ފިރިހެން 4 ޓީމާއި އަންހެން 4 ޓީމްވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ޓީމްތަކުގެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ މެޗްތަކެށް ކުޅެވިގެންދިޔަކަމަށް މި މުބާރާތް ހިންގި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް މައުލޫމާތު ދެއްވައެވެ.

މި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ”ވައިނޮޅި” ޓީމް ހޯދާފައިވާއިރު ރަނަރއަޕް ޓީމަކަށް ހޮވިފައި ވަނީ ”ވެލްނޯންސް” ޓީމެވެ.

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ފިރިހެން ފައިނަލް މެޗު 3- 1 ސެޓުން ކާމިޔާބުކުރީ ވައިނޮޅި އެވެ. ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ވައިނޮޅި ޓީމްގެ ޖޯޒީ ނަންބަރ 11 ހަސަން ނާފިއު( ނާއްޕެ) އެވެ.

މި މުބާރާތުގެ އަންހެން ފައިނަލް މެޗް ކުޅެފައިވަނީ އޮކްޓޫބަރ 3 ވަނަ ދުވަހުއެވެ. މެޗްގައި ބައްދަލު ކުރީ މުބާރާތުގައި ކުޅުނު ހުރިހާމެޗަކުން މޮޅުވެ ސީދާ ފައިނަލަށް ދަތުރުކުރި ސިއްސުވާލި ޓީމާއި ސެމީފައިނަލް މެޗުގައި ކަނބުލޮޓީމާއި ބައްދަލުކޮށް މޮޅުވީ މަރިޔާދު ޓީމެވެ.

ފޯރިގަދަ މިމެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ސިއްސުވާލި ޓީމުންނެވެ. ނަމަވެސް 2 ވަނަ ސެޓް ކުޅުންރަގަޅުކޮށް މަރިޔާދުން ވަނީ ކާމިޔާބުކޮށް 1-1 ސެޓުން އެއްވަރުކޮށްފައެވެ. މެޗްނިމިގެންދިޔައީ 3-1 ސެޓުން ސިއްސުވާލީ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފަޚުރުވެރި ޗެންޕިއަންކަން ހޯދައިގެންނެވެ.

އަންހެން ވޮލީއާއިގުޅޭ ގޮތުން އާރުބީޖީ ސްޕޯރޓްސް ކުލަބުން ވިދާޅުވީ މި މުބާރާތުން އަންހެން އައު ކުޅުންތެރިން ފެނިގެންދިޔަކަމަށާއި، ހުނަރުގެ ގޮތުން މިހާރުވެސް ކުޅެމުންގެންދާ ކުޅުންތެރިންނާއި ވާދަކޮށްލެވޭނޭ ކުޅުންތެރިން މެޗުތަކުގައި ފެނިގެން ދިޔަކަމަށެވެ. ބޭނުންވަނީ ކުޑަ ހިތްވަރަކާއި ރަނގަޅު ކޯޗެއްގެ އިރުޝާދާއިއެކު ޓްރެއިނިންވުން ކަމަށެވެ.

އއ.ބޮޑުފޮޅުދޫ ކައުންސިލުން އިންތިޒާމުކޮށް އާރުބީޖީ ސްޕޯރޓްސްކުލަބުން ހިންގި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ނިކަ އައިލަންޑް ރިޒޯޓްގެ ރެސިޑެންސް މެނޭޖަރ މުހައްމަދު ސައީދް ވަނީ ބައިވެރިވެފައެވެ. އަދި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ގެ އިތުރުން މި ރަސްމިއްޔާތުގައި މި މުބާރާތުގެ ސްޕޮންސަރުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ މެއިންސްޕޮންސަރ ލެގޫންވިއު ގެސްޓް ހައުސްގެ ފަރާތުން، ގެސްޓްހައުސްގެ ވެރިޔާ އަހްމަދު ނަސީމް ބައިވެރިވެފައިވާއިރު ކޯ-ސްޕޮންސަރުންގެ ގޮތުގައި ލެޝައިން ގެސްޓްހައުސް،ހޮލިޑޭ ވިލެޖް ރިޓްރީޓް، ކޮކޯބީޗްއިން ގެ އިތުރުން ޝައިން ގޭޓްގެ ފަރާތުންވެސް ބޭފުޅަކުވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ މުބާރާތް އެހާ ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި،އެއްބާރުލުން ލިބިގެންކަމަށާއި،އެކަމަށްޓަކައި ކުލަބުގެ ނަމުގަައި، މުބާރާތުގައި ޖަޖުންގެ ގޮތުގައާއި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވެދެއްވި ބޭފުޅުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އާރުބީޖީ ސްޕޯރްސް ކުލަބުގެ ރައީސް ވިދާޅުވީ މުބާރާތް ނިމުމާއިއެކު ކުލަބުގެ ޕްލޭން އާއި އެއްގޮތަށް ހަރަކާތްތައް ފަށާނެކަމަށާއި، ކުލަބުން ފެށި ވޮލީޓްރެއިނިންގް ކޭމްޕް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު މޯލްޑިވްސް ވޮލީބޯލް ވެޓަރެންސްގެ އެހީތެރިކަމާއިއެކު ރިޝްވާން (ރިއްޗަޅޭ ކޯޗް )ގެނެސް ޓްރެއިނިން ފަށާފައިވާކަމަށެވެ. އަދި މި ޓްރެއިނިންގް ކުރިއަށްގެންދަމުން ވޮލީމެޗްތަކެއް ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެގޮތުން މާލޭއިން އަންހެން ވޮލީޓީމެއް އޮކްޓޫބަރ 15 ވަނަ ދުވަހު އަންނަ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކުލަބަށް އެކިއެކި ގޮތްގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެކަމަށާއި، މީ މިކުލަބުގެ މެމްބަރުން ކުރަމުން އަންނަ އިހްލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެެވެ. ނަސީމް ވިދާޅުވީ އެކުލަބުގެ ފުރަތަމަ އަހަރީ ޖަލްސާގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އިއުލާންކުރެއްވި އެންމެ ހަރަކާތްތެރި ކުލަބުގެ އެވޯޑް ހާސިލް ކުރުމަކީ އެޖަލްސާއަށް ފަހު އެންމެ ބޮޑު އެއް އަޒުމަކަށްވީ ކަމެއްކަމަށެވެ. ރަށުގެ ކުލަބުތަކުގެ ހަރަކާތްތައް މިނެކިރާލާނަމަ މިއަދު އެ އެވޯޑް ހާސިލްކުރެވިއްޖެ ކަމުގެ އުފާވެރި އިހްސާސް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މެމްބަރުންނަށް ލިބިގެން ގޮސްފިކަމަށް ރައީސް ވިދާޅުވިއެވެ. ދެން އިންތިޒާރު ކުރަމުން މިގެންދަނީ އެވޯރޑް އަތުކޮޅަށް ހިތްލާލާ ކުލަބުގެ މެމްބަރުން ހިނިތުން ކޮށްލެވޭނެ ވަގުތަކަށް”’ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދާއި ރައީސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ.

ލެގޫންވިއުރަށުފޯރި ޕާރކްވޮލީ މުބާރާތުގެ ފިރިހެން އެންމެމޮޅު 4 ކުޅުންތެރިން

ހަސަން ސާމިލް ( ވެލް-ނޯންސް)
އަހުމަދު އަބްދުލްޤައްޔޫމް ( ވާނޮޅި)
މުހައްމަދު ޒަމީރު ( ވާނޮޅި )
އަބްދުﷲ ރިފާޒް ( ވެލް-ނޯންސް)

މުޅިމުބާރާތުން ފިރިހެން އެންމެމޮޅު ކުޅުންތެރިޔާ.
ހަސަން ނާފިއު ( ވާނޮޅި )

ލެގޫންވިއުރަށުފޯރި ޕާރކްވޮލީ މުބާރާތުގެ އަންހެން އެންމެމޮޅު 4 ކުލުންތެރިން

އައިޝަތު ސަބާނާ ( މަރިޔާދު )
ނަސްރީނާ މުހައްމަދު ( މަރިޔާދު )
އަފްރާ މޫސާ ( ސިއްސުވާލި )
ޒަމީރާ އިސްމާއިލް ( ކަނބުލޮ )

މުޅިމުބާރާތުން އަންހެން އެންމެމޮޅު ކުޅުންތެރިޔާ.
އައިޝަތު ވިރާސާ ( ސިއްސުވާލި )

މުބާރާތުގެ އެންމެ މޮޅު ކޯޗް ފިރިހެން ގްރޫޕް.
ނަސީމް އަބްދުﷲ ( ވާނޮޅި)

މުބާރާތުގެ އެންމެ މޮޅު ކޯޗް އަންހެން ގްރޫޕް.
ހަނީފް މޫސާ ( ސިއްސުވާލީ )

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ އަންހެން
އައިމިނަތު ރައިހާނާ ( ރަށްކަލޯ )

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ ފިރިހެން
މޫސާ ރަޒީލް ( ބްލެކް ކެނަރީ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ