ރިބާގެ ނުރައްކާތެރިކަން

ފަހުގެ ދީން

ރިބާގެ މުޢާމަލާތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް އާންމުވެފައިވާ ވަބާއެކެވެ. ގިނަ ފަހަރަށް ރިބާގެ މުޢާމަލާތާ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މެހިގަންނަނީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ނެތިއެވެ. ކަމުގެ ނުރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ. ރިބާގެ މުޢާމަލާތްތަކާއި ލޯނުތަކާއި އިންޓްރެސްޓަކީ މާ ބޮޑު ކަމެއް ކަމުގައި ނުދެކެއެވެ.

އާދެ، ރިބާއަކީ ދީނީގޮތުން ބަލާއިރު އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތުން އެއްކިބާ ނުވާ މީހުންނަށް މާތް ﷲ ވަނީ އެ އިލާހުގެ ފަރާތުން ހަނގުރާމައެއް އަތުވެދާނެ ކަމުގެ އިންޒާރު ކުރައްވާފައެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ ‎)٢٧٨(‏ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ‎)٢٧٩(﴾) البقرة:) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّهއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި، ތިޔަބައިމީހުން މުއުމިނުން ކަމުގައިވާ ނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! ފަހެ، ތިޔަބައިމީހުން (އެގޮތަށް) ޢަމަލު ނުކޮށްފި ނަމަ، اللَّه އާއި، އެކަލާނގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ!”

އިޝްތިހާރު
އިޝްތިހާރު

ރިބާގެ ނުރައްކާތެރިކަން ވިސްނައިގަތުމަށް ހަމައެކަނި އިސްވެ ދިޔަ އާޔަތް ފުދެއެވެ. ނަމަވެސް މީގެ އިތުރުން ވެސް ރިބާގެ ނުބައިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، ރިބާ މުޢާމަލާތުގައި އެއްވެސް ބަރަކާތެއް ނުވާ ކަމަށް އެ އިލާހު ވަނީ ބަޔާންކުރައްވާފައެވެ. ﴿يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴾ (البقرة: ٢٧٦) މާނައީ: “اللَّه، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ.” މި އާޔަތުން ދަލާލަތުކޮށްދެނީ ރިބާގެ މުޢާމަލާތުން އެއްވެސް ބަރަކާތެއް ނައަންނާނެ ކަމެވެ. އަދި، އެފަދަ މީހެއްގެ ޙަޔާތުން ވެސް ބަރަކާތް ކެނޑިގެން ދާނެ ކަމެވެ. އެ މީހަކީ ހިތްހަމަޖެހުމުގައި އުޅޭނޭ މީހެއް ނޫން ކަމެވެ.

މި ދެންނެވުނީ ދުނިޔޭގައި އެ ކަމުގެ ނުބައިކަން ހުރި ގޮތުގެ ވާހަކައެވެ. އާޚިރަތުގައި އެފަދަ މީހުން އުޅޭނެ ގޮތުގެ ވާހަކަ ވެސް މާތް ﷲ ވަނީ ބަޔާންކުރައްވާއެވެ. ﴿الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا…﴾ (البقرة: ٢٧٥) މާނައީ: “ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ.”

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ރިބާގެ މުޢާމަލާތުން އެއްކިބާވެގެން ތިބި ބަޔަކު ކަމުގައި މާތް ﷲ ލައްވަވައި އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ކާމިޔާބީ މިންވަރު ކޮށްދެއްވުމެވެ. އާމީން!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ