އުފަލެއް ލިބުމުން މުސްލިމުން އެންމެ ފުރަތަމަ އިސްވެގަންނާނީ މާތް ﷲ އަށް ޙަމްދާއި ޝުކުރު ދެންނެވުމަށެވެ. އުފަލެއް ލިބުމުން އެ ކަމުގެ އުފަލުގައި އުރެދުމަކަށް އަރައިގަތުމަށް ވިސްނުމަކީ މާތް ﷲ ގެ ނިޢުމަތްތަކަށް ކުފުރުވެރިވުމެވެ. އެއީ މުއުމިނުންގެ ސިފައެއް ނޫނެވެ.
މި ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. މި ތަނުގައި އިންސާނާ އިމްތިޙާނު ކުރެވޭނީ އޭނައަށް ކުރިމަތިވާ އެކިއެކި ކަންކަމުންނެވެ. އުފަލާއި ހިތަމާއިން ވެސް އޭނާ އިމްތިޙާނު ކުރެވޭނެއެވެ. އުފަލެއް ލިބުމުން އޭނާ ކަންތައް ކުރަނީ ކިހިނެއްތޯއެވެ. އެކަމުގައި އޭނާއަކީ ޝުކުރުވެރިވާ އަޅެއްތޯ ބެއްލެވޭނެއެވެ. ނުވަތަ އޭނާއަކީ ޝުކުރުވެރިވުމުގެ ބަދަލުގައި ކުފުރުވެރިވާ އަޅެއްތޯ ބެއްލެވޭނެއެވެ. އަދި ހަމަ އެހެންމެ މުޞީބާތެއް، ދަތިކަމެއް، ހިތާމައެއް، ގެއްލުމެއް ކުރިމަތިވުމުން އޭނާ ކަންތައް ކުރަނީ ކިހިނެއްތޯއެވެ. އެ ކަމުގައި އޭނާއަކީ މާތް ﷲ ގެ ޤަޟާޤަދަރަށް އީމާންވެ އެ ކަމަށް ކެތްތެރިވެ މާތް ﷲ އަންގަވާފައިވާ ގޮތަށް އެ ކަމާ ކުރިމަތިލާ އަޅެއްތޯ ބެއްލެވޭނެއެވެ. ނުވަތަ އޭނާއަކީ އެ މުޞީބާތާ ހެދި މާޔޫސްވެ، އަމިއްލަ ޙަޔާތުން އުއްމީދު ކެނޑި، މާތް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލާ މީހެއްތޯ ބެއްލެވޭނެއެވެ.
ޝައިޠާނީ ބެރުދުންމާރިއާއި އެހެނިހެން މުންކަރާތްތައް ހިމެނޭ ގޮތަށް އަންހެނުންނާއި ފިރިހެނުން އެއް ތަންވެ، މަސްހުނިވެ، ފޯރިނަގައި ނާޗަރަންގީ ކުޅުމަކީ މާތް ﷲ ގެ ރުއްސެވުން ލިބޭނޭ ކަމެއް ނޫން ކަން ކަށަވަރެވެ. އެ ކަމުން އެންމެ ބޮޑު ރުހުމެއް ލިބިގެން ދާނީ ޝައިޠާނާއަށް ކަން ޔަޤީނެވެ. ދެން ނިކަން ވިސްނަވާށެވެ. މާތް ﷲ ދެއްވި ނިޢުމަތަށް ކުފުރުވެރިވެ، އުފާ ފާޅުކުރުމުގެ ނަމުގައި ޝައިޠާނާގެ ހިތް ރުއްސުން ވެގެން ދާނީ ކިހައި ބޮޑު ނުބައި ކަމަކަށްތޯއެވެ. މިއީ އެއްވެސް މުސްލިމެއްގެ، އެއްވެސް މުއުމިނެއްގެ ފަރާތުން ފެނިގެން ވާނޭ ކަމެއް ނޫނެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ (إبراهيم: ٧) މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.”
ދެއްވާ ނިޢުމަތްތަކާއި ދެއްވާ އުފާތަކަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތްތައް މާތް ﷲ އިތުރު ކޮށްދެއްވާނޭ ކަމެއް ކަން މި އާޔަތުން ވަރަށް ޞަރީޙަކޮށް އެނގިގެން ދެއެވެ. އަދި ހަމަ އެފަދައިން، ޝުކުރު ކުރުމުގެ ބަދަލުގައި އެ ކަމަށް ކާފިރުވެއްޖެ ނަމަ މާތް ﷲ ގެ އަޒާބު ގަދަފަދަ ވެގެން ވާ ކަން ވެސް އެނގި ބަޔާންވެގެން ދެއެވެ. ކުފުރުވުމަކީ މާތް ﷲ އެންގެވިގޮތާ ޚިލާފަށް އުޅުމެވެ. ނިޢުމަތެއް ލިބުމުން މުންކަރާތްތަކަށް އަރައިގަތުމެވެ. މިއީ މުއުމިނުން މުސްލިމުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ.
މާތް ﷲ އަށް ޙައްޤުގޮތުގައި އަޅުގަނޑުމެން ބިރުވެތިވާން ޖެހެއެވެ. އުފަލެއް ލިބުމުން އެ ކަމުގެ ހުރިހާ ޙަމްދެއް ހުރީ މާތް ﷲ އަށެވެ. އަދި، އުފާ ފާޅުކުރަން ވާނީ އެ އިލާހު ރުއްސަވާފަދަ ގޮތަކަށެވެ.