މަހުމޫދުގެ މަރު: އެއްޗެއް ހިފައިގެން ބިންމަތީގައި ދަމަމުން ދިޔަ ބިދޭސީ މީހާ ހައްޔަރަށް

ޚަބަރު ފަހުގެ

މިދިޔަ ބުރާސްފަތި ދުވަހު އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު އެރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ، މަހުމޫދުގެ މަރާލިކަމުގެ ތުހުމަތުގައި އެ ރަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. ބުނީ، މަރުގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އެކަމުގެ ތަފުސީލު ހާމަކުރަމުންދާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަހުމޫދު ގެއްލުނު ރޭ ގާތްގަނޑަކަށް 9:00ގެ ފަހުން، ރަށުގެ މީހަކަށް ހައްޔަރަށް ގެންދިޔަ ބިދޭސީ މީހާ އުޅޭ ގެއިން ޝައްކު ކުރެވޭ އަޑެއް އިވުނެވެ. އެ ގެއަކީ މުސްކުޅި މީހަކާއި އެ ބިދޭސީ މީހާ ދިރިއުޅޭ ގެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ބިދޭސީ މީހާއަކީ މުސްކުޅި މީހާ ބަލަން ހުންނަ މީހާ ކަމަށްވެ އެވެ.

އެ އަޑު އިވުނު މީހާއާ ހަވާލާދީ ބައެއް މީހުންނާއި މީޑިއާތަކުން ބުނާ ގޮތުގައި، އެއީ މީހަކު ހަޅޭއްލެވި އަޑާއި އެއްޗެއް އެއްލައިލި ކަހަލަ އަޑެކެވެ. އަދި ބިދޭސީ މީހާ އެއްޗެއް ހިފައިގެން ބިންމަތީގައި ދަމަމުން ދިޔަ ތަން، އަޑު އިވިގެން ފާރުމަތިން ބޯ ދިއްކޮށް ގޯތިތެރެ ބެލި މީހަކަށް ފެނިފައިވާ ކަމަށްވެ އެވެ.

ނަމަވެސް ޝައްކުކުރެވޭ މަންޒަރުތައް ފެނުނު ކަމަށް ބުނާ ގަޑިއާއި މަހުމޫދު އެންމެ ފަހުން ފެނުނު ކަމަށް އާއިލާއިން ބުނާ ގަޑިއާ ފުށުއެރުންތަކެއް އަރަ އެވެ. އެގޮތުން މަހުމޫދުގެ އާއިލާގެ ފަރާތްތަކުން ކުރިން ބުނެފައިވާ ގޮތުގައި، އޭނާ ގެއިން ނުކުތީ ސާފް ޗެމްޕިއަންޝިޕުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗަށް ފަހު 11:00ގެ ފަހުންނެވެ.

ނަމަވެސް މަހުމޫދު ގެއިން ނުކުތް ގަޑިވެސް ތަފާތު ގޮތްގޮތަށް އަންނަނީ ރިޕޯޓު ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުން، މަހުމޫދު ގެއިން ނުކުތީ މެޗު ނިމުމުގެ ކުރިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ