އެންޖާސް އަތުން ޕީއެސްޖީ މޮޅެއް

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ފަހު ވަގުތު ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު އެންޖާސް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހުކުރު ދުވަހުގެ ފަތިހު ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގެ މެޗުތައް ކުޅުނު އާޖެންޓީނާގެ ކުޅުންތެރިންނާއި ބްރެޒިލުގެ ކުޅުންތެރިން މި މެޗުގައި ކުޅެފައެއް ނުވެއެވެ. އެގޮތުން މި މެޗަށް ޕީއެސްޖީ ނުކުތީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، އެ ގައުމުގެ އެންހެލް ޑި މާރިއާ އަދި ބްރެޒިލުގެ ތަރި ނޭމާ ނުލައެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އެންޖާސްއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ސޯފިއަން ބޯފާލް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޖެލޯ ފުލްޖީނީއެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ވަނީ ދެ ލަނޑު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުފގައި އެމްބާޕޭ ނަގައިދިން ހުރަހަކުން ޑަނީލޯ ޕެރޭރާ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީ މޮޅުކޮށްދިނީ އެމްބާޕޭއެވެ. މިއީ އޭރިއާ ތެރެއިން އެންޖާސްގެ ޕިއޭރިކް ކަޕޭލޭގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލެންސަށް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނީސް އާއި ހަތަރުވަނައިގައި އޮތް އެންޖާސްއަށް ވަނީ 16 ޕޮއިންޓް ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ