ހާލަންޑުގެ ދެ ލަނޑާއެކު ޑޯޓްމުންޑް އެއްވަނައަށް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ލަނޑާއެކު މައިންޒް ބަލިކޮށް ތާވަލުގެ އެއްވަނައަށް ބޮރޫޝިއާ ޑޯޓްމުންޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކޯ ރޮއިސްއެވެ.

އޭގެ ފަހުންވެސް ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާއިން ރަނގަޅުވުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި ހާލަންޑެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން މައިންޒުގެ ސިލްވަން ވިޑްމާގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މައިންޒުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޮނަތަން ބޯކާޓެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.

މި މެޗުގައި ހާލަންޑް ދެ ލަނޑު ޖެހިއިރު، ޑޯޓްމުންޑަށް ބަދަލުގެ ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު 49 މެޗުގައި ހާލަންޑް މިހާރު ވަނީ 49 ލަނޑު ޖަހާފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ މައިންޒް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޑޯޓްމުންޑް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ހަތް މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗުން ބަޔާ ލެވަކޫސެން ބަލިކޮށް ބަޔާނަށް އަލުން އެއްވަނައަށް އެރޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ