ޕީއެސްޖީ އާއި ސިޓީއަށް މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ގްރޫޕް އޭގައި ހިމެނޭ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ އާރްބީ ލައިޕްޒީގް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ ކުޅެފައެއް ނުވެއެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ޕީއެސްޖީންނެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖޫލިއަން ޑްރެކްސްލާ ދިން ޕާހަކުންނެވެ.

އެކަމަކު އޭގެ ފަހުން ލަައިޕްޒީގުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާއެވެ. އަދި ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެންޖެލީނޯ ނަގައިދިން ހުރަހަކުން ނޯޑީ މުކިއޭލޭ ލަނޑެއް ޖަހައި، ލައިޕްޒީގަށް ލީޑު ނަގައިދީފައެވެ.

އެކަމަކު އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެސީ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ނަގައިދީފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ޕީއެސްޖީގެ އެމްބާޕޭއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައިވެސް ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެމްބާޕޭ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމާ އެއް ގްރޫޕެއްގައި ހިމެނޭ ސިޓީ މޮޅުވީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

ބްރޫޖުގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި ޖޮއާއޯ ކަންސޭލޯ ސިޓީއަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރިޔާދު މާރޭޒް ވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ކައިލް ވޯކާ ޖަހައިދިންއިރު، މެޗުގެ 67 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ.

މި މެޗުގައި ބްރޫޖުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހާންސް ވަނެކެންއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި މާރޭޒް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްފައިވާ ޕީއެސްޖީއެވެ. ދެވަނައިގައި އޮތް ސިޓީއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބްރޫޖަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ލައިޕްޒީގަށް މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ