ލިވަޕޫލުން އެތުލެޓިކޯ ބަލިކުރިއިރު، ރެއާލަށް ބޮޑު މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ގްރޫޕް ބީގައި ހިމެނޭ ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ކުޅެ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ސަލާހު ވެފައިވަނީ ލިވަޕޫލުގެ ތާރީޚުގައި ޖެހިޖެހިގެން ނުވަ މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ނަބީ ކެއިޓާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. 14 މިނެޓުގެ ތެރޭގައި މި ދެ ލަނޑުވެސް އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. އެކަމަކު މި މެޗުގައި އެތުލެޓިކޯއަށް މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ގްރީޒްމަނަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ރަތް ކާޑެއް ދައްކާފައިވަނީ ލިވަޕޫލުގެ ފިރްމީނޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެތުލެޓިކޯ އަތުން މޮޅުވި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސަލާހުހެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ޑިއޯގޯ ޖޮޓާއަށް އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރެއިން ޖޮޓާ ކުރި ފައުލަކަށް އެތުލެޓިކޯއަށް ރެފުރީ ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މި މެޗުން ލިވަޕޫލް މޮޅުވިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި އަންގާރަ ދުވަހުގެރޭ ޕޯޓޯއިން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 1-0 ނަތީޖާއަކުން އޭސީ މިލާން ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ އާއި ތިންވަނައިގައި އޮތް ޕޯޓީއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު،ފުލުގައި އޮތް މިލާނަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ހިމެނޭ އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މޮޅުވީ ޝަޚްތާރު ޑޮނިއެސްކް އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

ޝަޚްތާރުގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޝަޚްތާރުގެ ސާޖީ ކްރިސްޓޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެން މި މެޗުގައި ރެއާލުން އަނެއް ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ.

އެގޮތުން ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ރެއާލަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ވިނީޝިއުސް ވަނީ ރެއާލުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަރީމް ބެންޒެމާއެވެ.

މި މެޗުން ފަސޭހަކަމާއެކު ރެއާލް މޮޅުވިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި އަންގާރަ ދުވަހުގެރޭ އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 3-1 ނަތީޖާއަކުން ޝެރިފް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް ޝެރިފާއި ދެވަނައަށް ޖެހިލި ރެއާލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިންޓައަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ފުލުގައި ޝަޚްތާރަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ