ރޮނާލްޑޯ ޔުނައިޓެޑް މޮޅުކޮށްދިންއިރު، ޗެލްސީއަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު އެޓަލާންޓާ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، މަލްމޯ އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވެއްޖެއެވެ.

ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެ އެޓަލާންޓާ އަތުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި އެޓަލާންޓާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗް އެޓަލާންޓާއަށް ލީޑު ނަގައިދިންއިރު، މެޗުގެ 29 ވަނަ މިނެޓުގައި މެރީހް ޑެމިރަލް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޔުނައިޓެޑުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކުއެވެ. އެގޮތުން މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މާކަސް ރެޝްފޯޑް ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދިންއިރު، މެޗުގެ 75 ވަނަ މިނެޓުގައި ކެޕްޓަން ހެރީ މެގުއާ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މި މެޗުން ޔުނައިޓެޑް މޮޅުވީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ލޫކް ޝޯ ނަގައިދިން ހުރަހަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ލަނޑު ޖެހިއިރު، މި މެޗަކީ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެދިން 300 ވަނަ މެޗެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ ވިޔަރެއާލުން ވަނީ ރަށުން ބޭރުގައި ކުޅެ 4-1 ގެ ނަތީޖާއަކުން ޔަންގް ބޯއީސް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެފްގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ޔުނައިޓެޑެވެ. ދެވަނައިގައި އޮތް އެޓަލާންޓާ އާއި ތިންވަނައިގައި އޮތް ވިޔަރެއާލަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޔަންގް ބޯއިސްއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވީ މަލްމޯ އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ތިއާގޯ ސިލްވާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރެއަސް ކްރިސްޓެންސެންއެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޖޯޖީނިއޯ ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ރޮމެލޫ ލުކާކޫއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކައި ހަވާޓްޒްއެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ އެންޓޯނިއީ ރުޑިގާއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސްއިން ވަނީ ރަށުން ބޭރުގައި ކުޅެ 1-0 ގެ ނަތީޖާއަކުން ޒެނިތު ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހަމަކޮށްފައިވާ ޔުވެންޓަސްއެވެ. ދެވަނައިގައި އޮތް ޗެލްސީއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޒެނިތަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް މަލްމޯއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ