މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި، ބައެއް އުޅަނދުފަހަރުގައި ދަތުރުކުރުން މަނާކޮށްފި

ޚަބަރު ފަހުގެ

ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރުކުރުން މަނާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ބުނެފައިވަނީ މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށެވެ. އެހެން ބަޔާން ކޮށްފައިވީ ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށް ބުނެފައިވެއެވެ. އަދި 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު އޮރެންޖް، ރެޑް ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރު ފަތުރުކުރުމަށް، ކަނޑުމައްޗަށް ނުކުތުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ގަވާއިދުގެ 1-27 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފު ވެއްޖެނަމަ، އެ އުޅަނދަކީ 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްނަމަ، އެ އުޅަނދުގެ އޮޕަރޭޓަރ ފަނަރަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ތިން މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށެވެ. މިފަދަ ކުށެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަ ދޭ ފަރާތަކުން ބެލުމަށްފަހު، ކެޕްޓަންގެ ލައިސަންސް އެއް އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ބ)އާ ޚިލާފު ވެއްޖެނަމަ، އެ އުޅަނދުގެ އޮޕަރޭޓަރ ވިހި ހާސްރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ތިން މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށެވެ. މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަ ދޭ ފަރާތަކުން ބެލުމަށްފަހު، ކެޕްޓަންގެ ލައިސަންސް އެއް އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މަޢުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ 1-27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކަށް އިހުމާލުވުމާއި، ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވުމުގެ އިޚުތިޔާރު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ