ރައްޔިތުންނާއި ގާތުން ޙިދުމަތް ދިނުމަށްޓަކައި ހދ. ކުޅުދުއްފުށީ ސިޓީގައި ނެއިބަހުޑް ޕޮލިސް ތަޢާރަފްކޮށް އެ ހިދުމަތް ދޭން ފަށައިފިއެވެ.
މި ހިދުމަތް ފަށްޓަވައި ދެއްވާފައި ވަނީ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ނެއިބަހުޑް ފުލުހުންގެ ހިދުމަތަކީ ރަށެއް ނުވަތަ ސިޓީ އެއްގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ ސަރަހައްދަކަށް ނެއިބަ ހުޑް ފުލުސް އޮފިސަރެއް ކަނޑައަޅައިގެން އެ އޮފިސަރަކާއި ހަވާލު ކުރެވުނު ސަރަހައްދުގެ މައްސަލަތައް ދުވަހުން ދުވަހަށް ކުރިއަށް ގެންދަމުން ދޭ ހިދުމަތެވެ.
މިގޮތުން ނެއިބަރހުޑް ޕޮލިސްގެ ހިދުމަތް ދޭން ފެށުމުން އާންމު ރައްޔިތުންގެ ޝަކުވާތަކާއި އަދި އެކި ކަންކަމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ ނެއިބަރހުޑް ޕޮލިސް އޮފިސަރުންނާއި މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. .
މި ހިދުމަތް ތައާރަފް ކޮށްދެއްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި އަހަރު އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ޤާނޫނުގައި ލާމަރުކަޒީކޮށް، އެ އިދާރާގެ ހިދުމަތްތައް ދިނުމަށާއި އަދި ފުލުހުންނާއި އާންމު ރައްޔިތުންނާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާތީވެ، މިއީ އެ މަސައްކަތުގެ ތެރެއިން ދެވިގެންދާ މުހިންމު ހިދުމަތެއް ކަމުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްޤީ ވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ ފުލުހުންގެ އަމާޒެއް ކަމުގައެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ބައެއް އިސްވެރިނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކުޅުުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ވަނީ ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފަައެވެ. މީގެ އިތުރުން އޭގެ ކުރީގައި ވަނީ މި ހިދުމަތް ތައާރަފް ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ވެސް ހޯދާފައެވެ. މި ހިދުމަތަކީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ވެސް މިހާރު ދެމުން އަންނަ ހިދުމަތެކެވެ.