ދިވެހީންގެ އެއްބައިވަންތަކަން ގުޅިފައި ވަނީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއެވެ!

ފަހުގެ ދީން

އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމާ މެދަކު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. އެހެނީ، މާތް ﷲ سبحانه وتعالى މި ދީން ބާވައިލެއްވީ ޤިޔާމަތާ ޖެހެންދެން އިންސާނާއަށް ހިދާޔަތާއި ތެދުމަގާއި ހެވާއި ނުބައި ވަކިކޮށްދެނިވި ޝަރީޢަތެއްގެ ގޮތުގައެވެ.

އެހެން ނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ. މާތް ﷲ އީ އެންމެ އޯގާވަންތަ އެންމެ ރަޙްމާންވަންތަ އިލާހެވެ. އެ އިލާހީ އަޅުގަނޑުމެންގެ އަޅުކަމަކަށް މުޙުތާޖުވެ ވޮޑިގެންވާ އިލާހެއް ނޫނެވެ. އިސްލާމްދީން، ދީނެއްގެ ގޮތުގައި އެ އިލާހު ރުއްސަވައި، ބާވައިލެއްވުމުގެ އިލާހީ މަޤްޞަދަކީ އިންސާނާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿…وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ…﴾ (الحج: ٧٨)‏ މާނައީ: “…އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ…” އަދި، ބައެއް ޙާލަތްތަކުގައި ވަކި ޙުކުމްފުޅަކަށް ޢަމަލުކުރަން މުސްލިމްއަޅާއަށް އުނދަގޫވެގެން ދާ ފަހަރުފަހަރު މާތް ﷲ ވަނީ އެފަދަ ޙުކުމްފުޅުތައް ވެސް ލުއިކޮށްދެއްވާފައެވެ. މިސާލަކަށް ބަލާ ނަމަ، ކާނެ އެއްޗެއް ނުލިބި ދެން ތިމާ ހަލާކު ވެދާނޭ ކަމަށް ހީވާ ހިސާބަށް މީހެއްގެ ޙާލަތު ގޮސްފިއްޔާ، އޭނައަށް ވަނީ ލިބުނު އެއްޗެއް ކެއުމުގެ ހުއްދަ ދެއްވާފައެވެ. އެއީ ޙަރާމް އެއްޗަކަށް ވިޔަސް ވެހެވެ. އެ ޙާލަތުގައި މުޅަމަސް ނޫން އެއްޗެއް ނެތިއްޖެއްޔާ، މުޅަމަސް ކެއުން ވެސް ވަނީ ހުއްދަ ކުރައްވާފައެވެ. އޫރުމަހާއި ރަލާ ނޫން އެއްޗެއް ނެތިއްޖެއްޔާ، އެ ވެސް ކެއުން ވަނީ ހުއްދަ ކުރައްވާފައެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ މިންވަރަށެވެ. މިއީ ކީރިތި ޤުރުއާނުގެ ނައްޞުތަކުން ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތް ޙަޤީޤަތެކެވެ. އަދި މިއީ، އިސްލާމީ ޝަރީޢަތަކީ ކޮންމެ ޙާލަތަކަށް ވެސް ފެތޭ، ލުއިފަސޭހަ، އަދި ޢަމަލު ކުރުމަށް އެއްވެސް އުނދަގުލެއް ނެތް ޝަރީޢަތެއް ކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. އަލްއަންޢާމު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. ﴿وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ …﴾ ‎(الأنعام: ١١٩)‏ މާނައީ: “ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމް ކުރެއްވި ތަކެތި، ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައި ވާއިރު، އެ އެއްޗެއްގެ މައްޗަށް اللَّه ގެ އިސްމުފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. …”

މީގެ އިތުރުން ވަކިވަކި އަޅުކަންތަކަށް ބަލާއިރު ވެސް ފެންނަނީ މިފަދަ އެތަކެއް މިސާލުތަކެވެ. ނަމާދުގެ މިސާލަށް ބައްލަވާށެވެ. ކޮޅަށް ނުހުރެވޭ މީހާ، އިށީނދެ އިނދެއެވެ. އިށީނދެ ނުއިނދެވޭ މީހާ އޮށޯވެއެވެ. އެއްވެސް ޙަރަކާތެއް ނުކުރެވޭ މީހާ، އެ މީހާގެ ހިތުންނެވެ. ދަތުރުވެރިޔާއަށް ނަމާދު ޤަޞްރުޖަމްޢު ކުރުމުގެ ރުޚްޞަތު ވަނީ ދެއްވާފައެވެ.

މިއަށް ވުރެ ވަކި ލުއިފަސޭހަ ދީނެއް އޮންނާނެތޯއެވެ؟ މިއަށް ވުރެ ވަކި ލުއި ފަސޭހަ ޝަރީޢަތެއް އޮންނާނެތޯއެވެ؟ އިސްވެ ދެންނެވުނީ އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމަށް ދަލާލަތުކޮށްދޭ ވަރަށް މަދު މިސާލުތަކެއްގެ ވާހަކައެވެ. ނަމަވެސް، ދީނީ އަޙްކާމުތަކަށް ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މިފަދަ ލުއިފަސޭހަކަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ