ގައުމު ތަރައްގީ ވަނީ މީހުން ތަރައްގީ ވެގެން: ރައީސް

ޚަބަރު ފަހުގެ

ގައުމު ތަރައްގީ ވަނީ ގައުމުގައި އުޅޭ މީހުން ތަރައްގީ ވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ސާނަވީ އިމްތިޙާންތަކުން މަތީ ވަނަ ހާސިލް ކުރި ދަރިވަރުންނަށް އިނާމު ދިނުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލަ އަށް ތަރައްގީވެ ކުރިއަރާ ތަނެއް ނޫން ކަމަށާއި އެގޮތުން ގައުމު ތަރައްގީ ވަނީ ގައުމުގައި އުޅޭ މީހުން ތަރައްގީ ވެގެން ކަމަށެވެ. އަދި ގައުމު ކުރިއަރަނީ ތިމާ ހުރި ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން ގައުމުގެ ދަރީންގެ ސިކުނޑީގައި އުފެދި، އެ އަޒުމުގައި އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.

ފާއިތުވި ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރީ ދަތި އުނދަގުލުގައި ކަމަށާއި އެގޮތުން ދަރިވަރުންގެ ކިޔެވުން ވެސް ދޮޅު އަހަރެއްހާ ދުވަހަށް ދިގުދެމިގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮވިޑްގެ ތެރޭގައި އޮންލައިން ކްލާސްތައް ނެގި ޓީޗަރުންގެ އަގު އަބަދުވެސް ވަޒަންކުރަންޖެހޭނެ ކަމަށާއި މި މުއްދަތުގައި ޓީޗަރުން ކުރެއްވީ ވަރަށް މުހިއްމު ގައުމީ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ދަތިތައް އަދިވެސް މުޅިން ފިލައިގެން ނުދާ ކަމަށާއި މިހާރުވެސް އުޅެމުންދަނީ އެ ދަތިތަކާއި ނުރައްކަލުގެ ތެރޭގައި ފާހަގަކުރައްވަމުން ރައީސް ވަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންދަނީ އެ ދަތިތަކުން އަރައިގަނެ ގައުމު ބިނާކުރުމަށް ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދުނިޔެ އަށް އަންނަ ބަދަލުތަކަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުން ވަކި ދާއިރާއަކުން ކުރިއަށްދާން މަޖުބޫރު ކުރުވުމަކީ ބައެއް ފަހަރު ހިތި ނަތީޖާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކުރިއަށްދާން ފުރުސަތު ދިނުމުން ނެރޭ ނަތީޖާ މާ ފޮނި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ