އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ކަނބަލުން ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ޚަބަރު ފަހުގެ

ހުއްޓުމެއްނެތި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އއ.ބޮޑުފޮޅުދޫ ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބުގެ އަންހެން ކަނބަލުން އެކުލަބުގެ ފިރިހެން މެމްބަރުންނަށް ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ކުލަގަދަ ކޮށް ފާހަގަކޮށްދީފިއެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ކުލަބު ރަޖިސްޓްރީ ވީއްސުރެ ކުލަބުން ހިންގާ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާތާ މިހާރު 2 އަހަރު ފުރެން ގާތްވެފައިވާ ކަމަށާއި، ފިރިހެން މެމްބަރުން ހިންގާ ހަރަކާތްތަކާއި އެއްވަރަށް ކުލަބުގެ އަންހެން މެމްބަރުންވެސް އަންނަނީ އެކިއެކި ހަރަކާތްތައް ހިންގަމުންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް މިއަހަރު ކުލަގަދަ ރަސްމިއްޔާތަކާއިއެކު 20 ނޮވެމްބަރ 2021 ވަނަ ދުވަހުގެ ރޭ އާރުބީޖީ އިދާރާގައި ވަނީ ފާހަގަ ކޮށްފައެވެ. މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ކަނބަލުންވަނީ ފިރިހެން ބޭފުޅުންނަށް ރޭގަނޑުގެ ހާއްސަ ފަރިއްކޮޅެއް ދީފައެވެ. ފަރިއްކޮޅަށްފަހު ސަޕްރައިސް ހަރަކާތެއްގެ ގޮތުގައި ކުލަބުގެ އިދާރާ ތެރޭގައި އިތުރު ހަރަކާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ފިރިހެން ބޭފުޅުންނަށް ކަނބަލުން މަރުހަބާ ދަންނަވާފައިވަނީ ”ނޫ”ކުލައިގެ މަލަކުންނެވެ.

މި ރަސްމިއްޔާތުގައި އެކުލަބުގެ މެމްބަރުންގެ އިތުރުން އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އާއި ނައިބު ރައީސް އަބްދުﷲ ރިފާޒް އާއި މެމްބަރ މުހައްމަދު ނާޝިދުގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލް އާއި އެކުލަބަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެއް ފިރިހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

އާރުބީޖީ އަންހެން ކަނބަލުން ވަނީ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު މި ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވި ކޮންމެ ފިރިހެންބޭފުޅަކަށް ހާއްސަ ހަދިޔާއެއް ދީފައެވެ. އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި ނަސީބް އެންމެ ރަނގަޅު އެކުލަބުގެ 10 މެމްބަރަކަށް އަގުހުރި ހަދިޔާތަކެއް ވަނީ ދީފައެވެ.

އަންހެން ކަނބަލުން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ވަނީ އެކުލަބުގެ މެމްބަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހުރިހާ ކަނބަލުންނަށާއި އެ ކުލަބަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އާރުބީޖީގެ ރައީސް ނަސީމް ވިދާޅުވީ މި ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ފިރިހެން ބޭފުޅުން ހެއްވާލި އުފާވެރި މިރަސްމިއްޔާތަކީ ތަފާތު ފުރިހަމަ ރަސްމިއްޔާތެއް ކަމަށާއި، ކަނބަލުންގެ ރޭވުންތެރިކަމާއި، ކުރިޔާލައި ކަންކަން ކުރުމުގައި ތައްޔާރުވެފައިވާ މިންވަރު މި ރަސްމިއްޔާތުން ފެނިގެން ގޮސްފައިވާކަމަށެވެ.

އަދި މި ކުލަބު ދުވަހެއް ދުވަހަކަށް ވުރެ ކުރިއަރާ ހޯދަމުންގެންދާ ކާމިޔާބީގެ ނުހަނު ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ކުލަބުގެ އަންހެން މެމްބަރުންކަމަށާއި، މި ރަސްމިއްޔާތުންވެސް އެކަން ސާބިތުކޮށްދީފިކަމަށާއި އެކަމަށްޓަކައި ކުލަބުގެ ހުރިހާ ފިރިހެން މެމްބަރުންގެ ނަމުގައި ކަނބަލުންނަށް ޝުކުރު އަދާކުރާކަމަށެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން މެމްބަރުން ”ފިރިހެނުންގެ ދުވަސް” ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އެ ކުލަބާއި މުޅިން އަލަށް 5 ބޭފުޅަކުވަނީ ގުޅިފައެވެ. އެގޮތުން އެބޭފުޅުންގެ މެމްބަރޝިޕް ފޯމާއި ހަވާލުވެލެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދުއާއި ކުލަބުގެ އަންހެން މެމްބަރ އައިޝަތު ސިމާނާއެވެ.

މިއަހަރުވެސް ކުރިއަށް އިތުރު ހަރަކާތްތަށް ހުރިކަން ފާހަގަކޮށް ނަސީމް ވިދާޅުވީ އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ހުރިހާގޮތަކުންވެސް ތަފާތު ކުލަބެއްކަމަށާއި، އެ ތަފާތު ދައްކަނީ ސޯސަލް މީޑިޔާއަށް އަޕްލޯޑްކޮށްލާ ސްޓޭޓަސް އަކުން ނޫންކަމަށާއި ،ހިންގަމުން ގެންދާ ކާމިޔާބު ގިނަ ހަރަކާތްތަކުން ކަމަށެވެ. އެކުލަބަކީ ބޮޑުފޮޅުދޫގެ އެންމެ ހަަރަކާތްތެރި ކުލަބުކަން ސާބިތުކޮށްދިނުމަށް އއ.ބޮޑުފޮޅުދޫ ކައުންސިލްއިން ވަނީ ފުރަސަތެއް ފަހިކޮށްދީފައި ކަމަށާއި، މި އަހަރު ނިމޭ ހިސާބުން އޭގެ ނަތީޖާ ލިބިގެންދާނެ ކަމުގެ ފޮނި އުންމީދުގައި އެކަމަށް ތައްޔާރަށް ތިބިކަމަށް އެކުލަބުގެ ރައީސް އިބްރާހިމް ނަސީމް ގެ އިތުރުން ސެކެރެޓަރީ މުސްތަފާ އަހުމަދު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ