ޢާއިލީ މަސްއޫލިއްޔަތު

ފަހުގެ ދީން

ޢާއިލާއަކީ އިންސާނާއަށް ދެއްވާފައިވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. މުޖުތަމަޢުގެ އަސާސެވެ. މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ނިކަމެތިކަން އެއަށް ބިނާވާ މުޖުތަމަޢު ފެށިގެން އަންނަ ސެލްއެވެ. ޢާއިލާގެ ދުޅަހެޔޮކަމާއި ކާމިޔާބާއި އުފާ ބިނާވަނީ މި މުހިންމު އުންސުރުގައި ހިމެނޭ އެންމެހައި ފަރުދުންގެ ގުޅިލާމެހުމާއި ބުރަ މަސައްކަތަށެވެ. ކޮންމެ ފަރުދަކު ވެސް އެ ފަރުދެއްގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރަށެވެ. އާދެ! މި ޢާއިލީ މަސްއޫލިއްޔަތުގައި އަންހެނާގެ ދައުރު ވެސް ވަކި ކުޑައެއް ނޫނެވެ.

އިސްލާމްދީނުގައި ޢާއިލީ ވާޖިބުތައް ވަނީ ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ. އަންހެނުން ވެސް ވަނީ އޭގައި ޝާމިލު ކުރައްވާފައެވެ. މިކަން ބަޔާންކުރައްވައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްފުޅު ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “އަދި އަންހެނާއަކީ ބަލަދުވެރިއެކެވެ. އޭނާގެ ފިރިމީހާގެ ގޭގެ ކަންކަމާ މެދު އޭނާއާ ސުވާލުވެވޭހުއްޓެވެ.” (صحيح البخاري)

އިޝްތިހާރު
އިޝްތިހާރު

އާދެ! ފިރިމީހާއަށް އަދާކުރަން ޖެހޭ ވާޖިބުތަކުން ފަށަމާތޯއެވެ. އޭގެ ތެރޭގައި ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ކިޔަމަންތެރިވުމާއި އިއްފަތްތެރިވުމާއި ފިރިމީހާއަށް ޓަކައި ޒީނަތްތެރިވުމާއި ދެމަފިރިންގެ ސިއްރުތަކަށް ރައްކާތެރިވުމާއި ފިރިމީހާގެ މުދަލަށް ރައްކާތެރިވެ، އެއިން އިސްރާފު ކުރުމުން ދުރުވުމާއި ހެޔޮ ކޮންމެ ކަމެއްގައި ފިރިމީހާއަށް އެހީތެރިވެ، ތަޤުވާވެރިކަންމަތީ ދެމިހުރުމަށް ނަޞޭޙަތްތެރިވެ، ބާރުއެޅުން ހިމެނެއެވެ. ކައު ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ދެންނެވުނެވެ. އަންހެނުން ތެރެއިން އެންމެ ހެޔޮ ކަނބަލަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އޭނާއަށް ބަލައިލާ ހިނދު ފިރިމީހާއަށް ހިތްހަމަޖެހުން ލިބޭ އަދި އަމުރެއްކޮށްފި ނަމަ ކިޔަމަންތެރިވާ އަދި އޭނާގެ ނަފުސާއި މުދަލުން، ފިރިމީހާ ނުރުހޭ އެންމެހާ ކަމަކުން ދުރުހެލިވެ ތިބޭ އަންހެނުންނެވެ.” (سنن النسائي)

ދެވަނައީ ދަރީންގެ ޙައްޤުތަކެވެ. ދަރީންނަށް ޓަކައި މަންމަގެ ޒިންމާތައް ގުނާ އަދަދު ނުކުރެވޭހައި ގިނައެވެ. އެ މަންމަގެ ހަށިގަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް ނޭވާލުމާ ހަމައަށެވެ. އުފަންވީއްސުރެ އަމިއްލައަށް ކަންކަން ކުރެވޭ ޢުމުރަށެވެ. އެއަށް ފަހު، ބޮޑުވެ އަމިއްލައަށް މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ޢުމުރަށެވެ. ދަރިފުޅަކީ ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރި ކުއްޖަކަށް ހެދުމަށް ޓަކައި، މިއިން ކޮންމެ މަރްޙަލާއެއްގައި މަންމައަކީ އެ ދަރިފުޅުގެ ނަމޫނާއަށް ވާންޖެހެއެވެ. ދެ ދުނިޔެ ގެއްލިދާނެ ކޮންމެ ކަމަކުން އެ ދަރިފުޅު ދުރުކުރަން ޖެހެއެވެ. އެ ދަރިފުޅުގެ ހިތުގައި އިސްލާމްދީނަށް ލޯބިޖައްސުވައި، އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ހިތްވަރާ އެކު ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ.

މައިންބަފައިންގެ ޙައްޤުތަކަކީ ވެސް ޢާއިލީ މަސްއޫލިއްޔަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އެއީ އަޅުގަނޑުމެން ދުނިޔެއަށް ނޭވާލުމުގެ ސަބަބެވެ. އާޚިރަތް ހޯދުމަށް ހުޅުވިފައިވާ އެންމެ ބޮޑު އެއް ދޮރެވެ. ﷲ تعالى ގެ ޙައްޤާ ވިދިގެން އަދާކުރަން ޖެހޭ ޙައްޤެވެ. އެ އިލާހުގެ ވަޙީ ބަސްފުގެ މާނައިގައިވެއެވެ. “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.” (الإسراء: 23)

ޢާއިލީ މަސްއޫލިއްޔަތުތައް މި ހިސާބުން ނިމުނީއެއް ނޫނެވެ. މާމަ ކާފައާއި އެއްބަނޑުއެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންގެ ޙައްޤުތަކަކީ ވެސް މިއިން މުހިންމު ބައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ކަނބަލަކު އޭނާގެ ޢާއިލީ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށް ގަދައަޅާ މަސައްކަތްކުރާ މީހަކު ކަމުގައި ވަމާތޯއެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْآخر މަހުގެ 21 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 47ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الشَّيْخَة عَائِشَةُ رِيْـمَا ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ