އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށާއި، އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ ސާލިމް، އެރޭ ނުވައެއް ޖަހާކަން ހާއިރު މަހްމޫދުގެ ފޯނަށް ގުޅައި ބައްދަލު ކުރަން ގޮސްފައިވާ ކަމަށެވެ. ސާލިމް އާއި މަހްމޫދު، ނެދުން ގެއަށް އެކީގައި ވަތް ތަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ.
ހަސަން ސައީދު އިތުރަށް ވިދާޅުވީ، މަހުމޫދު މަރާލި ސަބަބު ސާލިމް ކިޔާދީފައިވާ ކަމަށާއި، މަހުމޫދު ފައިސާ ގެންގުޅޭތަން ސާލިމަށް ފެންނަ ކަމަށާއި، ސާލިމު ހީކުރީ މަހުމޫދަށް ގުޅައިގެން ނެދުންގެއަށް ގެންދިޔައިރު ވެސް ފައިސާ ހުންނާނެ ކަމަށެވެ.
މަހްމޫދުގެ ހަށިގަނޑަށް ހަމަލާ ދިނުމުގައި ބޭނުންކޮށްފައި ވަނީ ތޫނު އެންމެ ހަތިޔާރެއް ނޫން ކަމަށާއި އޭގެ ދެތިން ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މަހުމޫދަށް ހަމަލާދީފައިވާ ތަންތަން ދައްކުވައިދޭ ފޮޓޯއެއް ވެސް މިއަދު ފުލުހުން ދެއްކިއެވެ. އެ ފޮޓޯތަކުން އެނގޭ ގޮތުގައި ސާލިމު ވަނީ މަހޫމޫދުގެ އަތަށާއި އަރިކަށްޓާ ދިމާލުން ފުއްޕާމޭ ކައިރިއަށާއި ބަނޑަށް ވެސް ހަމަލާދީފައެވެ.
މަހްމޫދުގެ ހަށިގަނޑު ގެންގޮސް ވަޅަކަށް ވައްޓާލަން ގެންދިޔައީ އެރޭގެ މެންދަމު 2 ޖެހި ފަހުން. އެ ރޭ ރަށު ތެރެއިން މި ނޫނީ ޝައްކު ކުރެވޭ އެއްވެސް މަންޒަރެއް ފެންނާކަށް ނެތް“ ފުލުހުން ވިދާޅުވިއެވެ.
މަޙްމޫދު މަރައިލުމުގައި ސާލިމް ނޫން އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ތަޖުރާރުކޮށް ވިދާޅުވަމުން ވިދާޅުވީ، ސާލިމް ވަނީ ދަނގެތީގައި މީގެ ކުރިން ހިނގި ވައްކަމެއްގައި ވެސް ބައިވެރިވެފައި ކަމަށާއި އެ މައްސަލަ ވަކިން މިހާރުވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.