އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖޭން ފައިބަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގައި އޮތަސް، އެމީހުންގެ ނަސްލުގެ ބައެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް އިހުތިރާމުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ އަަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން މިތާނގައި ތިބެން ނުޖެހޭ ކަމަށެވެ.
“ކުރީގަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން، ދުނިޔެއަށް ދެއްވާފައިވާ ވާހަކައަކީ މިއީ ވަކި ބައެއްގެ، ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކައެކޭ. ނޫން. މިއީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން، މިކަމަށް އިސްނެގީ ރައީސް ޔާމީން. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން” ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ސަރުކާރުގެ ހިޔާނާތްތެރި ރޭވުމުގެ ސަބަބުން ކަމަށާއި އިންޑިއާގެ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑަކަށްވެސް ރާއްޖެއަކު ޖާގައެއް ނެތް ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އެންމެ ގާތް އަވައްޓެރި ގައުމު ނަމަވެސް، ރާއްޖެއަކީ އިންޑިއާގެ ޓައުނެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ވަކިން އޮތް މުސްތަގިއްލު ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އިޝާރާތްކުރައްވައި ޔަމީން ވިދާޅުވީ، ގާނޫނާ ހިލާފު އެއްވެސް އަމުރެއް ތަންފީޒުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވިއެވެ.