ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން އުޅުނު އަދުހަމް ޖަލަށްލީ 23 އަހަރަށް

ޚަބަރު ފަހުގެ

މި އަހަރު މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި، ބޮން ގޮއްވާލި އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އަދުހަމްވަނީ ކުށަށް އިއުތިރާފްވައެވެ. އަދުހަމް ކުށަށް އިއުތިރާފްވުމުން، މި މައްސަލަ ކުރިޔަށް ގެންދިޔައީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައެވެ. އަދި މިއަދު އަދުހަމްގެ މަޗަށްވަނީ ޙުކުމްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އޮގަސްޓް ތިން ވަނަ ދުވަހު އެވެ. ދައުލަތުން އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ނިރުބަވެރި އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން އެ ފަދަ ޖަމާއަތަކަށް ތާއީދު ކުރުމާއި ނުރައްކާތެރި ހަތިޔާރެއްގެ ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ. އަދުހަމްގެ މައްޗަށް 23 އަހަރުގެ ހުކުމެއް އައިސްފައިވަނީ ދައުލަތާއެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ސަބަބުންނެވެ. އިއުތިރާފް ނުވެ، ކުށް ސާބިތުވި ނަމަ އަދުހަމްގެ މައްޗަށް 40 އަހަރަށްވުރެ ބޮޑު ދައުވާއެއް އަންނާނެއެވެ.

23 އަހަރުގެ ޖަލު ހުކުމެއް އަދުހަމްގެ މައްޗަށް އިއްވި ނަމަވެސް، އަދުހަމް ޖަލުގައި ހޭދަ ކުރަން ޖެހެނީ 22 އަހަރާއި 4 މަހާއި 23 ދުވަހެވެ. އެއީ ހުކުމާއި ހައްޔަރާ ދެމެދު ހިނގި 221 ދުވަސް ހުކުމުން އުނި ކުރުމުންނެވެ.

މެއި ހަވަަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ގޮއްވައިލައިގެންނެވެ. އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގައި ސައިކަލާ އަރާ ހަމަވުމުން ރިމޯޓަކުން އައިއީޑީ އެކްޓިވޭޓްކޮށްފައި ވަނީ އަދުހަމެވެ.

ރައީސް ނަޝީދާއި އެ ހަމަލާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި ބުނެފައި ވަނީ އެފަދަ ހަމަލާއެއް ދީފައި ވަނީ ދީނީ ޤަބޫލު ކުރުންތަކުގެ ސަބަބުން ކަމަށެވެ.

މިފަދަ ކަމެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް ބުނަމުން އޭނާ ބުނެފައި ވަނީ، ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އޭނާ މަޢާފަށް އެދެން ބޭނުންވާ ކަމަށެވެ.

“ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް. އެއީ އަޅުގަނޑަށް ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކަކާ ގުޅިގެން.” އަދުހަމް ވަނީ އެކުށަށް އިއުތިރާފްވެ، ތައުބާވެފައިވާ ކަމަށް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ