ސިއްހީ ދާއިރާގެ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ހެލްތު މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެއްބަސްވުމެެއްގައި ސޮއިކޮށްފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ހެލްތު މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ސަބަބުން ފެނަކައިގެ އައިޓީ ޓީމުން ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާ އޮޑިޓެއް ހަދާނެ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ ކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ، އެފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދެމުންދާ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯޑްސް ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހެލްތު މިނިސްޓްރީއަށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ފަހިވެގެންދާނެ ކަމަށެވެ.
އަދި އެ މަސައްކަތުގެ ސަބަބުން ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮމޭޝަން ސިސްޓަމާއި ގުޅާލުމުގެ އަމާޒަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.