ސެކިއުލަރިޒަމްގެ ނުރައްކާ، ޤާނޫނީ ދާއިރާއަށް!

ފަހުގެ ދީން

ޢަލްމާނީ ސެކިއުލާރ ފިކުރަކީ ހަމައެކަނި ފޮތެއްގައި ލިޔެވިފައިވާ ފިކުރެއް ނޫނެވެ. އެއީ، އެ ފިކުރެއްގެ މައްޗަށް ލާޒިމުވެގެން އަންނަ ކަންކަން ޢަމަލީ މައިދާނުގައި ތަންފީޛު ވެސް ކުރާ ފިކުރެކެވެ. އޭގެ ޙަޤީޤީ މަޤްޞަދަކީ ވެސް އެއީއެވެ. ޢަލްމާނީ ފިކުރުގެ އެންމެ ބޮޑު ނުރައްކަލެއް އޮތް އެއް ދާއިރާއަކީ، ޤާނޫނީ ދާއިރާއެވެ. ތަޝްރީޢީ ދާއިރާއެވެ. ޤާނޫނު ހެދުމުގެ ދާއިރާއެވެ.

އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. މުސްލިމުންގެ ތަޝްރީޢީ މަޞްދަރަކީ އިސްލާމްދީނެވެ. ދީނުގެ ޝަރީޢަތެވެ. ގިނަގުނަ ޙުކުމްފުޅުތަކަކާއި ޙައްދުތަކެއް އެކިއެކި ކަންކަމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވެއެވެ. އަދި އިސްލާމްދީނުގައި ވަކިގޮތަކަށް ކަނޑައަޅުއްވައިފައިނުވާ ކަންކަމަށް ޤާނޫނެއް ހަދާއިރު ބަލަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކެއް ވެސް ލައްވައިފައިވެއެވެ. އެ މިންގަޑުތަކުގެ ތެރޭގައި، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި ގަވާއިދުތަކާއި މަޤާޞިދުއްޝަރީޢާގެ ހަމަތަކަށް ރިޢާޔަތް ކުރުމާއި، މަޞްލަޙަތާއި މަފްސަދަތަށް ރިޢާޔަތް ކުރުން ހިމެނިގެންވެއެވެ. އެފަދަ ކަންކަމަށް ޙުކުމެއް ނެރޭނީ އިޖްތިހާދު ކުރެވޭ ފެންވަރުގެ ޢިލްމުވެރީންގެ ބެއްލެވުމުގެ ދަށުންނެވެ. އަދި އެއީ ވަކި ޚާއްޞަ ދާއިރާއަކަށް ހަދާ ޤާނޫނެއް ނަމަ، އެ ފަންނުތަކާއި އެ ދާއިރާތަކުގެ މީހުންނާ މަޝްވަރާ ކުރެވި، އިސްލާމްދީނާއި އެ ދީނުގެ މަތިވެރި އަސްލުތަކާ ފުށުނާރާ ގޮތެއްގެ މަތީންނެވެ. މިއީ އިސްލާމްދީނަކީ އެ ދައުލަތެއްގެ ދީން ކަމުގައި ކަނޑައަޅާފައި އޮންނަ ދައުލަތްތަކުގައި ކަންތައް ހިނގަންޖެހޭ ގޮތެވެ.

އިޝްތިހާރު
އިޝްތިހާރު

ޢަލްމާނީންގެ ވިސްނުން މިއާ މުޅިން އިދިކޮޅެވެ. ޢަލްމާނީން ދެކޭގޮތުގައި، ޤާނޫނެއް ނުވަތަ ގަވާއިދެއް ހަދާއިރު، ދީނުގައި އޮތީ ކީކޭތޯ ބެލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެއީ ޢަލްމާނިއްޔަތުގެ އަސާސުތަކާއި ޖައުހަރާ ވެސް އިދިކޮޅު ކަމެކެވެ. އެހެނީ، ޢަލްމާނިއްޔަތަކީ އިންސާނީ ޙަޔާތުގެ މިކަހަލަ ކަންކަމަށް ޤާނޫނެއް ނުވަތަ ގަވާއިދެއް ކަނޑައަޅާ ނަމަ، ދީނީ އެއްވެސް މުޢުތަޤަދަކަށް ބަރޯސާވުމެއް ނެތި އެ ކަމެއް ކަނޑައެޅުމަށް ވަކާލާތު ކުރާ ފިކުރެކެވެ. ދީނީ މުޢުތަޤަދެއްގެ އަލީގައި ހެދޭ ޤާނޫނާއި ގަވާއިދަކީ ދީން ސިޔާސަތުގެ ތެރެއަށް ވެއްދުމެވެ. އެބައިމީހުން ދެކޭގޮތުގައި، ސިޔާސަތުގެ ތެރެއަށް ދީން ވެއްދުމަކީ ބަޔަކަށް ހެދޭނޭ އެންމެ ބޮޑު ގޯހެވެ. އެބައިމީހުންގެ ނަޒަރުގައި، ދީން އޮތަސް އޮންނަންވާނީ އެ ބައެއްގެ އަމިއްލަ ޒާތީ ކަމެއްގެ ގޮތުގައެވެ. އަޅުކަމެއްގެ ގޮތުގައެވެ. ރޫޙާނީ ކަމެއްގެ ގޮތުގައެވެ. އެބައިމީހުން ދެކޭގޮތުން، ޤާނޫނެއް ހަދާއިރު ކަމަކަށް ރިޢާޔަތް ކުރެވޭ ނަމަ ކުރަން ޖެހޭނީ، މާއްދީ ފަލްސަފާތަކުގެ މައްޗަށް ހެދިފައިވާ ތަފާތު ޤަރާރުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ސާކިއުލާތަކުގެ މައްޗަށެވެ. އަދި ޢަލްމާނީ ދައުލަތްތަކުގައި އެ ކަންކަން ކުރެވެނީ ކިހިނަކުންތޯ ބެލުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. ދީނާ ބީރައްޓެހި، އިލްޙާދީ ފަލްސަފާތަކުގެ މައްޗަށް ރިޢާޔަތް ކުރެވި، އިންސާނީ ޙައްޤުތައް ކަމަށް އެބައިމީހުން ގަބޫލުކުރާ ޙައްޤުތަކާ ފުށުނާރާ ގޮތެއްގައެވެ.

ހިތާމައަކީ މި ހުރިހާ ޙަޤީޤަތްތަކެއް މިހެން ހުރި އިރު، މި ކަންކަން އޮޅުވައިލުމަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމެވެ. ސެކިއުލަރިޒަމަކީ އިސްލާމްދީނާ ފުށުނާރާ ފިކުރެއް ކަމަށް ބުނަމުންދާ ދިޔުމެވެ. މިއީ ވަރަށް ބޮޑު އޮޅުވައިލުމެކެވެ. ސެކިއުލަރިޒަމް ގޮވައިލަނީ، ދީން އެއްފަރާތް ކުރުމަށެވެ. ދީނުގެ ޝަރީޢަތް އެއްފަރާތް ކުރުމަށެވެ. އިސްލާމްދީނުގެ އަޙްކާމުތަކާއި ޤާނޫނުތަކާ ދެކޮޅުހަދާ ފިކުރެއް ނުވަތަ ނިޒާމެއް، އިސްލާމްދީނާ ފުށުނާރާނޭ ގޮތެއް އޮންނާނެތޯއެވެ؟ އެއީ ކުފުރަށް ގޮވައިލުން ކަމަށް ނުވާނޭ ގޮތެއް އޮންނާނެތޯއެވެ؟

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ