ރަށުން ބޭރު މީހުންނަށް ގޯތި ދިނުމަށް އިއުލާނުކޮށްފި

ޚަބަރު ފަހުގެ

ގދ. ތިނަދޫގައި ދިރިއުޅެން ބޭނުންވާ ރަށުން ބޭރު މީހުންނަށް ގޯތި ދޫކުރަން ނިންމައި ރަށު ކައުންސިލުން އެކަން އިއުލާނުކޮށްފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިހާރު ވެސް ބޮޑު އާބާދީއެއް އޮތް އަދި ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން އަންނަ ތިނަދޫގެ ތަރައްގީ “އާ އުސްމިންތަތަކަށް ގެންދިއުމުގައި” އެހެން ރަށްރަށުގެ ރައްޔިތުން ވެސް ހިމަނައިގެން ކުރިއަށް ގެންދިއުމަކީ ތިނަދޫ ކައުންސިލްގެ އަމާޒެއް ކަމަށާއި އެ ރަށަކީ “ކައުންސިލުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެހެން ރަށްރަށުގެ ލޮބުވެތި ރައްޔިތުންވެސް ހިމަނައިގެން ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެންނަށް ލާބަހުރި ގޮތްތައް ހޯދައި، އެ މަގުން މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް” ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިންގާ އެކި ހަރަކާތްތަކާ އެކު ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރުގެ މީހުންނަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކުރުމަށް އެ ކައުންސިލުން ގަސްތުކުރާ ކަމަށެވެ.

ކައުންސިލުން ރާވާފައިވާ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް، ތިނަދޫން ގޯތި ބޭނުންވާ ރަށުން ބޭރުގެ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އަންނަ މާޗު މަހުގެ 31 ކުރިން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ. އެ ފޯމުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ނަމާއި ދާއިދީ އެޑުރެހާއި އަތޮޅާއި އަދި ރަށުގެ މައުލޫމާތާއި މިހާރު އުޅޭ އެޑްރެހާއި އަތޮޅާއި ރަށުގެ މައުލޫމާތާއި އުމުރާއި އައިޑީކާޑު ނަންބަރާއި ބެލެނިވެރިކަމުގެ ދަށުގައި ތިބި މީހުންގެ ނަންތަކުގެ އިތުރުން އާމްދަނީ ލިބޭ މިންވަރުފަދަ މައުލޫމާތުތައް ފުރަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ