އޭޑީކޭ ހޮސްޕިޓަލަށް ވިއްސަންވެގެން ގެންދިޔަ މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ފަރުވާ ނުދީ ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ ފެންދުލި ފަޅައިގެން ދިޔަ މާބަނޑު މީހަކު ގޮވައިގެން ރޭ ފަތިހު އޭޑީކޭއަށް ދިޔަ ކަމަށާއި ހޮސްޕިޓަލަށް ދިއުމުން ކޮވިޑުގެ އަލާމާތެއް ހުރިތޯ އެ ހޮސްޕިޓަލުން ސުވާލުކުރި ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން އޭޑީކޭ އިން ހެދި ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބި، އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ އިއްޔެ ހަވީރު ކަމަށާއި އެކަން އެންގުމުން “ކޮވިޑް ޕޭޝަންޓުން އޭޑީކޭއަށް ނުނަގާ ކަމަށާއި އައިޖީއެމްއެޗަށް ދިއުމަށް” ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މާބަނޑު މީހާ ވިހަން ރަޖިސްޓްރީ ކޮށްފައިވާނީވެސް އޭޑީކޭގައި ކަމަށާއި މަހުން މަހަށް ޑޮކްޓަރަށް ދައްކަމުން އައީވެސް އެ ހޮސްޕިޓަލަށް ކަމަށެވެ.
އެކަމާ ގުޅޭގޮތުން މިރޭ މީޑިޔާއަށް މައުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުން ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ ފެސިލިޓީތަކުން ކަމަށާއި، އޭޑީކޭއަކީ ކޮވިޑަށް ފަރުވާދޭ ތަނެއް ނޫން ކަމަށެވެ. އަދި އެ އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކޮވިޑަށް ފަރުވާދޭ މަރުކަޒަކަށް ދިއުމަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.