އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ތިން ބޯޓު ގަނެފި

ޚަބަރު ފަހުގެ

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އޭޓީއާރު މަރުކާގެ ތިން ފްލައިޓެއް ގަންނަން އެ އެއާލައިންތައް އުފައްދާ ކުންފުންޏާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުވަސްވެފައިވާ ފްލީޓުގެ ސަބަބުން އައިއޭއެސްގެ އޮޕަރޭޝަންތައް ފުޅާކުރަން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން މި ގެންނަ ތިން ފްލައިޓުގެ ތެރޭގައި ހިމެނެނީ 72-600 ATR ގެ ދެ ބޯޓު އަދި 600-42 ATR ގެ އެއް ބޯޓެވެ. މި ފްލައިޓުތައް އެ ކުންފުނީގެ ހިދުމަތާ މި އަހަރުގެ ތެރޭގައި ގުޅޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވިއަނުން ބުނި ގޮތުގައި އެ އެއާލައިނުގެ ފްލީޓަށް އިތުރުކުރާ ބޯޓުތަކަކީ ތިމާވެއްޓާ ރައްޓެހި އިންޖީނުތަކާއެކު ގަނެވޭ ބޯޓުތަކެކެވެ.

މި ބޯޓުތަކަކީ މިހާރު ބާޒާރުގައި ހުރި އޭޓީއާރު ބޯޓުތަކަށް ވުރެ ތިން ޕަސެންޓު ތެލުގެ ހަރަދު ކުޑަ، އަދި 20 ޕަސެންޓު އިންޖީނު މަރާމާތުގެ ހަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް ބޭނުންކުރެވޭނޭ ބޯޓުތަކެކެވެ. އަދި، އޭޓީއާރު މަރުކާގެ ބޯޓުތަކަކީ މި ވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކަށް ވުރެ 40 އިންސައްތަ އާއި ހަމައަށް ތެޔޮ އަންދާ މިންވަރު ކުޑަ ބޯޓުތަކަކެވެ.

މޯލްޑިވިއަނުން އިތުރަށް ބުނީ އޭޓީއާރާއެކު މި ގާއިމު ކުރެވޭ ގުޅުމުން ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ އެވެ. ހަމަ އެހެންމެ، ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް އާންމުންނަށާއި ޓޫރިސްޓުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

“އޭޓީއާރު އާއެކު މިވެވުނު އެއްބަސްވުމަކީ މި ކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. އަޅުގަނޑު ގަބޫލުކުރަނީ އާ އިންޖީނާއެކު އޭޓީއާރުން މިއުފައްދާ ބޯޓުތަކަކީ އަޅުގަނޑުމެންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް,” އައިއޭއެސް މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި އެވެ.

އޭޓީއާރުން ވެސް ވަނީ އައިއޭއެސްއިން ދެއްކި ވާހަކަތައް ތަކުރާރުކުރަމުން މި އެއްބަސްވުމާ އެކީ މޯލްޑިވިއަނުން ހިދުމަތްތައް ފުޅާވެ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖެއަށް އެންމެ އެކަށޭނެ ބޯޓުކަމަށް އެ ކުންފުނީގެ ސީއީއޯ ސްޓެފާނޯ ބޯޓޮލީ ވިދާޅުވި އެވެ.

“އޭޓީއާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ޤައުމީ އެއާލައިންގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް,” ބޯޓޮލީ ވިދާޅުވި އެވެ.

މިހާރު މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ގެންގުޅޭ ގިނަ ފްލައިޓުތަކަކީ ޑޭޝް މަރުކާގެ ފްލައިޓުތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ