ޑޯޓްމުންޑް މޮޅުވިއިރު، ހާލަންޑަށް އަނިޔާ ވެއްޖެ

ކުޅިވަރު

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ހޮފެންހެއިމް އަތުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވިއިރު، މި މެޗުގައި ޑޯޓްމުންޑުގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑަށް އަނިޔާވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ހޮފެންހެއިމް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޑޯޓްމުންޑުންނެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޑޮންޔެލް މާލެން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަންދްރޭ ކްރަމަރިޗް ވަނީ ލަނޑެއް ޖަހައި، ހޮފެންހެއިމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޑޯޓްމުންޑުން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި، ކެޕްޓަން މާކޯ ރޮއިސް ކާމިޔާބުކުރި ލަނޑާއެކުއެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި ޑޯޓްމުންޑުން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ހޮފެންހެއިމުގެ ޑޭވިޑް ރައުމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ޖެއޯޖީނިއޯ ރުޓާ ވަނީ ހޮފެންހެއިމަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގައި ލަނޑު ޖެހި ހާލަންޑަށް އަނިޔާވެގެން ބަދަލުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ހާލަންޑަށް މި މެޗުގައި އަނިޔާވި ނަމަވެސް، މި ސީޒަނުގެ ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގައި އޭނާ ވަނީ 16 ލަނޑު ޖަހާފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ހޯދި މޮޅާއެކު ޑޯޓްމުންޑުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ބަޔާނަށް ކުޅުނު 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމުންޑް ދެވަނައިގައި އޮތީ 20 މެޗުން 43 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ