ލިވަޕޫލާއި ޗެލްސީން ފަރަގު ކުޑަކޮށްފި

ކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފަރަގު ކުޑަކުރިއިރު، ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާ އަތުން ޗެލްސީ މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ޕެލަސް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ނަގައިދިން ކޯނަރަކުން ވާޖިލް ވެން ޑައިކް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ރޮބަޓްސަން ނަގައިދިން ހުރަހަކުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިންއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޕެލަސްއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޖިއަން-ޕިލީޕޭ މަޓޭޓާ ދިން ބޯޅައަކުން އޮޑްސަން އެޑޮއާޑް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް އަލުން ލީޑު ފުޅާކޮށްދިނީ ފަބީނިއޯއެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ޑިއޯގޯ ޖޮޓާއަށް ޕެލަސްގެ ގޯލްކީޕަރު ވިސެންޓޭ ގައީޓާ ފައުލުކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މި މެޗުން ލިވަޕޫލް މޮޅުވިއިރު، ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީ މޮޅުވީ ޓޮޓެންހަމް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުގެ ހެރީ ކޭން ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން ޗެލްސީގެ ތިއާގޯ ސިލްވާއަށް ކޭން ފައުލުކުރި ކަމަށް ނިންމައި، އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކެވެ. އަދި އޭގެ އަށް މިނެޓު ފަހުން މޭސަން މައުންޓް ހުރަސްކޮށްދިން ބޯޅައަކުން ޗެލްސީއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ސިލްވާއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް ކުޅުނު 23 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފައެވެ. އަދި ޓޮޓެންހަމް އަތުން މޮޅުވި ޗެލްސީ ތާވަލުގެ ތިންވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ