އެލްޗޭ އަތުން ރެއާލް ސަލާމަތްވިއިރު، ބާސާއަށް ހަނި މޮޅެއް

ކުޅިވަރު

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެލްޗޭ އަތުން ފަހު ވަގުތު ބަލިނިވެ ރެއާލް މެޑްރިޑް ސަލާމަތްވިއިރު، ޑިޕޯޓިވޯ އަލަވޭސް އަތުން ބާސެލޯނާ ހަނި މޮޅެއް ހޯދައިފިއެވެ.

ރެއާލާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ރެއާލުގެ ކެޕްޓަން ކަރީމް ބެންޒެމާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެއާއެކު މެޗުގެ 42 ވަނަ މިނެޓުގައި އެލްޗޭއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ބޯޔޭއެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ޕެރޭ މީއާ ވަނީ ލަނޑެއް ޖަހައި، އެލްޗޭގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ރެއާލުން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު އިތުރު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗެވެ. އަދި މި މެޗުން ރެއާލް ބަލިނިވެ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އެޑާ މިލިޓާއޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުންނެވެ.

މި މެޗުން ރެއާލް ފަހު ވަގުތު ސަލާމަތްވިއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ މޮޅުވީ އަލަވޭސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އަލަވޭސް ކޮޅަށް ލަނޑެއް ޖަހަން އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. ފެރާން ޓޮރޭސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށް 22 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ރެއާލް ބެޓިސް އޮތީ 22 މެޗުން 40 ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް 21 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި ބާސާ އޮތީ 21 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ