ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެންމެ މަތީދަރަޖައިގެ އެއްބާރުލުން ދޭނަން – ފުނަދޫ ކައުންސިލް

ޚަބަރު ފަހުގެ

ފުނަދޫގެ ތަރައްޤީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާ ފަރާތަކަށް އެ ކައުންސިލުން އެންމެ މަތީދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

މިހެން އެ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލާއި ގުޅުވައިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ކުރެއްވި ޓުވީޓަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ކައުންސިލްގެ 4 މެންބަރަކު ސޮއިކޮށްފައި މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ރަށް މޮނިޓަރިންގެ ޙާލަތުގައި އޮއްވައި، އަދި އެ ކައުންސިލަށް އެއްވެސް ގޮތަކުން އަންގަވައިލެއްވުމެއް ނެތި މިނިސްޓަރު މަޚްލޫފް އެރަށަށް ވަޑައިގަތުމަށްފަހު ފުރާވަޑައިގަންނަވަމުން، އެ ރަށުގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދި، ޒުވާނުންގެ މެދުގައި
ނުތަނަވަސްކަން އުފެދޭ ފަދަ ޢިބާރާތްތަކަކުން ދޮގު ވާހަކަތަކެއް ޓްވީޓް ކުރައްވައި، އެ ކައުންސިލް ބަދުނާމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ފުނަދޫގެ ތަރައްޤީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާ ފަރާތަކަށް މި ކައުންސިލުން ދަނީ އެންމެ މަތީދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ދެމުންނެވެ. މި ކައުންސިލުން ދެކޭ ގޮތުގައި އެއީ ވަކި ޕާޓީއެއްގެ ވަކި ސަރުކާރެއް އޮތަތީވެ ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ފުނަދޫގެ ރައްޔިތުންނަށްޓަކައި ކައުންސިލުން އަބަދުވެސް އަދާކުރަންޖެހޭ ޤާނޫނީ ވާޖިބެއް ކަމަށެވެ.

ފުނަދޫ ކައުންސިލުން އެ ބަޔާނުގައި ވަނީ މިނިސްޓަރު މަޚްލޫފްގެ މިނިސްޓްރީގެ ދާއިރާއިން ފުނަދޫގައި ކުރަމުންދާ ބައެއް މަސައްކަތްތައް ވެސް ހިމަނާފައެވެ. މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އެރަށުގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވަނީ ފާހަގަ ކުރަށްވާފައެވެ. އެ މަސައްކަތް ފެށިތާ 3 އަހަރު ފާއިތުވެގެން ދާއިރު އަދިވެސް ވަނީ ނުނިމިކަމަށާއި، ނުނިމި ލަސްވަނީ އެކައުންސިލުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވި އޮވެގެނެއް ނޫންކަމަށް ވިދާޅުވެފަވެއެވެ. އަދި އެ ތަނަށް އަޅަން ބޭނުންވާ ވެލި ހޯއްދަވަން ދަތިފުޅުވާކަން އެނގުމުން ވެސް، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމަކުން، އެ ތަނަށް ބޭނުންވާ ހުރިހައި ވެއްޔެއް، ފުނަދޫ ރައްޔިތުންގެ ނަމުގައި ހަދިޔާކޮށްފައި ވާނެކަމަށް ވެސް ފުނަދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

ޔޫތު މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ދެވަނަ ކަމަކީ ވޮލީ ކޯޓެއް އެޅުމެވެ. އެ މަސައްކަތް، ވަކި ފަރާތަކާ ހަވާލުކުރެއްވި ކަމެއް އަދި އަންގަވާފައެއް ނުވެއެވެ. އެ ކަމުގައި ވެސް، މިނިސްޓްރީން ނުވަތަ ކޮންޓްރެކްޓަރގެ ފަރާތުން އެދިވަޑައިގަތް ކޮންމެ ކަމެއްގައި އެ ކައުންސިލުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މިހާރުއްސުރެ އެ ތިބެނީ ތައްޔާރު ވެގެން ކަމަވެސް އެ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ކަމުގެ ހަގީގަތަކީ އެއީކަމަށާއި، އެހެން އެކަން އޮށްވައި މިނިސްޓަރު މަޚްލޫފް ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި، ފުނަދޫގެ ރައްޔިތުންނަށާއި ޒުވާނުންނަށް ޙަޤީޤަތް އޮޅުވައިލައްވަން މަސައްކަތްޕުޅު ކުރެއްވީތީ ހިތާމަ ކުރާކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި އެ ކައުންސިލުން ސިފަކުރާ ގޮތުގައި މިނިސްޓަރު ގެ މި ޢަމަލަކީ، އެ މަޤާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން ލިބޭފަދަ ދަށު ފަންތީގެ ޢަމަލެއް ކަމަށް ވެސް އެކައުންސިލުން ވިދާޅުވެފަވެއެވެ.

ވަޒީރުކަމުގައި ހުންނަވާއިރު، އެ މަޤާމުގެ ޙައްޤުގައި ފުނަދޫ ރައްޔިތުންގެ ފަރާތުން ވަޒީރަށް ކުރަން ބޭނުންވާ އިޙްތިރާމާއި ޤަދަރު އެރުވޭފަދަ ގޮތެއްގެމަތިން ޢަމަލުފުޅުތައް ބެހެއްޓެވުމަށާއި، ފުނަދޫ ރައްޔިތުންނަށް ޤާނޫން އަސާސީން ޢިނާޔަތްތެރި ކޮށްދީފައިވާ ޑިމޮކްރެޓިކް ޙައްޤުތަކާ އެއްގޮތަށް ފުނަދޫ ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިޙްތިރާމް ކުރައްވައި، އެ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތުން އިންތިޚާބު ކޮށްފައިވާ އެ ކައުންސިލާ ގުޅިގެން، މިނިސްޓަރާއި ހަވާލުވެފައިވާ މިނިސްޓްރީގެ ދާއިރާއާ ގުޅޭ ކަންތައްތައް ފުނަދޫގައި ތަންފީޒު ކުރެއްވުމަށް މަސައްކަތްކުރެއްވުމަށް ފުނަދޫ ކައުންސިލްގެ ނޫސްބަޔާނުގައި މިނިސްޓަރު މަޚްލޫފަށް އިލްތިމާސްކުރަށްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ