ބޮޑު މުސާރައަކާއެކު އެމްޓީސީސީ ހުނަވަރު ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމަށް ނިންމައިފި

ޚަބަރު ފަހުގެ

ބޮޑު މުސާރައަކާއެކު އެމްޓީސީސީ ހުނަވަރު ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމަށް ނިންމައިފިއެވެ.

އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިފަހަރު 140 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ގޮތުގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަހަރު ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ބަސް ޑްރައިވަރުންނާއި އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި ކްރޭން އޮޕަރޭޓަރުންނާއި ލޯޑަރ އޮޕަރޭޓަރުން ހިމެނެއެވެ. އަދި ސައިޓް ސްޕަރވައިޒަރުންނާއި ވެލްޑަރުންނާއި މެރިން މެކޭނިކުންނާއި ޓަގް މެކޭނިކުން އަދި ޓިންކަރ ގެ ވަޒީފާތައް ވެސް ހިމެނެއެވެ.

މި ވަޒީފާތަަކަށް ހޮވޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ ތަމްރީނު ދިނުމަށްފަހު، ރަނގަޅު ބައިވެރިންނަށް އެމްޓީސީސީން ވަގުތުން ވަޒީފާ ދިނުމަށް ވަނީ ނިންމާފައެެވެ. ތަމްރީނުތައް ކުރިއަށްދާ ތިން މަސް ދުވަހު، މަހަކު ފަސްހާސް ރުފިޔާގެ އެލަވަންސެއް ދޭ އިރު، ދާއިމީ ވަޒީފާ ހަމަޖެހުމުން އެންމެ ދަށް ވަޒީފާއަށް ވެސް ތޭރަހާހާއި ސޯޅަ ހާސް ފަސް ސަތޭކަ ރުފިޔާ ލިބޭނެއެވެ.

މި ވަޒީފާތަކުގެ މަގުސަދަކީ ވަޒީފާގެ ބާޒާރަށް ތަޖުރިބާ ލިބިފައިވާ މަަސައްކަތްތެރިން ބިނާ ކުރުމާއި ހެވީ ވެހިކަލް އޮޕަރޭޓަރުން ބިނާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން އުފެއްދުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ތަމްރީނުވާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

މީގެ އިތުރުން މި ދާއިރާތަކަށް އަންހެނުންނަށް ފުރުސަތު ދިނުމާއެކު އަންހެނުން ޓެކްނިކަލް ދާއިރާތަކަށް ތަމްރީނު ކުރުވުމާއި ދިވެހީންނަށް ވަޒީފާގެ ފުރުސަތު ރާއްޖޭގެ އެކި ސަރަހައްދުން ހޯދައިދިނުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެކެވެ.

ހުނަވަރު ޕްރޮގުރާމުގެ އޯޕަންޑޭ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީގައާއި، ލ.ފޮނަދޫގެ އިތުރުން މާލޭގައެވެ. އޯޕަންޑޭ ގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން އެޕްލިކޭޝަން ފޯމް ހުށަހެޅޭނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވެސް އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނުވަތަ info@mtcc.com.mv އަށް ފޯމް މެއިލް ކޮށްގެން ވެސް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ