ވެކްސިން ފުރިހަމަވުމުން ކޮންޓެކްޓުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ނިންމައިފި

ޚަބަރު ފަހުގެ

ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުން، ކޮންޓެކްޓްވި ނަމަވެސް އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު އާއްމު ކުރި އުސޫލުގައި ބުނަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓުވާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނުނު ނަމަވެސް، ޕީސީއާރު ނުވަތަ އެންޓިޖެން ޓެސްޓެއް ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެގޮތަށް އަމަލު ކުރެވޭނީ ޕޮޒިޓިވް ވެފައިވާ މީހާއާ ވަކި ގެއެއްގައި އުޅޭނަމައެވެ.

ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވީ ނަމަވެސް ޕޮޒިޓިވް ވެފައިވާ މީހާއާ އެއް ގެއެއްގައި ދިރިއުޅޭނަމަ ކަރަންޓީންގެ މުއްދަތު ހަމަ ކުރަން ޖެހެއެވެ. އަދި ގެއިން ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަ ވުމުން ކޮންޓެކްޓުން ކޮވިޑް ޓެސްޓް ހަދައި ނެގަޓިވް ނަތީޖާއެއް ލިބެންދެން ކަރަންޓީންގައި ތިބެން ޖެހެއެވެ.

ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވީ ނަމަވެސް ޕޮޒިޓިވް ވެފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެ ބައްދަލުވި ދުވަހުން ފެށިގެން ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ކޮވިޑު ޓެސްޓުކުރުމަށް އެންޓިޖެން ޓެސްޓްގެ ސެލްފު ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓު ކުރަންވާނީ ބަލީގެ އަލާމާތެއް ހުންނަ މީހުންނެވެ. ނަމަވެސް މި ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޮވިޑަށް ޓެސްޓުކުރުމަށް ރަޖިސްޓާ ކޮށްފައިވާ ލެބަކުން ނުވަތަ ސިއްހީ ފަރުވާދޭ ތަނަކުން ކޮވިޑަށް އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓު ހެދުމުން ކަމަށް އެޗްޕީއޭއިން ބުންނެއެވެ.

މި އުސޫލުގެ ދަށުން ލުއި ލިބޭ މީހުން މިވަގުތު ކަރަންޓީންގައި ތިބިނަމަ އެ މީހުންގެ ކަރަންޓީން ނިމޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންނެއެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ވެފައިވާ ކަމަށް މިހާރު ބަލަނީ ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓާ ޑޯޒް ވެސް ޖެހުމުންނެވެ. ނުވަތަ ދެ ޑޯޒް ފުރިހަމަ ކުރިފަހުން ހަ މަސް ނުވާ ނަމައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ