ފީވަކުގެ ފެނުގެ ނިޒާމާއި ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

ޚަބަރު ފަހުގެ

ށ.. ފީވަކުގެ ފެނުގެ ނިޒާމާއި ށ. ގޮއިދޫގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީ އިން މިއަދު ބުނެފިއެވެ.

ފީވަކުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި 18.9 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތްތަކާއި ފެން ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެމަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެމަޝްރޫއުގެ އަގަކީ ޖުމްލަ 65.135 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން ށ.ގޮއިދޫ އަދި ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، މި ދެ މަޝްރޫޢުގެ ތެރެއިން މި ދެރަށުގައި ޖުމުލަ 15 ވަޒީފާއެއް އުފެދި މި ދެރަށުގެ ރައްޔިތުންނަށް ވަނީ މި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ލިބިފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ އެމްޑަބްލިއުއެސްސީއެވެ. ސަރުކާރުން ވަނީ ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ފެން ކުންފުންޏާ ހަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ