ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ހެނދުނު ބާއްވަވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރުމަށް އިދިކޮޅު މެމްބަރުން ނިންމަވައިފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ޕީޕީއެމްގެ ރައީސް، ޢަބްދުﷲ ޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށާއި އަދި ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
“މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައި. އިންތިޚާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުންދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން. މިޙާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި. އަދި ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާ ވަނީ ހައިޖެކް ކޮށްފައި” އިދިކޮޅުން ބުނެ އެވެ.
އިދިކޮޅުން ބުނީ ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ޚުދުމުޚުތާރުކަމާއި ޑިމޮކްރެސީއާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
މީގެއިތުރުން ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ، މިކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާޢީ ދައުވާކޮށް ޖަލަށްލުމަށް ޤާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
“މިހާ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، އިސްވެ ދެންނެވުނު ކަންކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަން” އެ ބަޔާނުގައި ވެ އެވެ