ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތްތައް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
ރާއްޖޭގެ އާބާދީގައި ތިބި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓަރގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢިނާޔަތްތައް ބޮޑުކުރައްވާނެކަމަށެވެ. އަދި މިފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް މިހާތަނަށް ޤާއިމުކުރެވިފައި ނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިމަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނިމޭނެކަމަށެވެ. މިއާއެކު ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މަޢުލޫމާތާއި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ޚިދުމަތްތަކުގެ މަޢުލޫމާތު ލިބިގެންދާ ދަފްތަރަކަށް މިދަފްތަރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ ޢަދަދާއި ތަފްސީލް އެނގޭ ޤައުމީ ދަފްތަރެއް ނެތް. މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެ. މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން.” ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ.