މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެ ބިމުން 2000 ގޯތި މާލެ ރައްޔިތުންނަށް ދިނުމުގެ ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ، އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތައް ޙާމަކުރެއްވިއެވެ.
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށް ރިޔާސީ ބަޔާނުގައި އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ކަމަށެވެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.
“ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް މަދުވެގެން 2000 ގޯތި މާލޭގެ ރަށްވެހިންނަށް ދޭނަން. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށް ގޮސް ގުޅާލެވޭނެ ތަނަކަށް ވާނެ.” ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހުރިހާ ރައްޔިތުން އެކުގައި އެއް އަމާޒެއްގައި ތިބެ ކާމިޔާބީގެ މަންޒިލަށް ވާސިލް ވުމަށްކަމަށެވެ. ރައީސް ވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްކުގެ ތަފްސީލްތައްވެސް ޙިއްސާކުރައްވާފައެވެ.
“އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް އެބަދޭ. ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދޭ” ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. މި މައްސަލަ ޙައްލުކޮށްދެވުމަށް ރަށްރަށަށް ބިން އިތުރުކުރުމަށް، ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.