ޗެމްޕިއަން ލިލް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ކުޅިވަރު

ރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޗެމްޕިއަން ލިލް އަތުން ފަސޭހަކަމާއެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ލިލް އަތުން 5-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިލްގެ ގޯލްކީޕަރު އީވޯ ގާބިކް ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަނީލޯ ޕެރޭރާއެވެ. އެކަމަކު މެޗުގެ 28 ވަނަ މިނެޓުގައި ލިލްގެ ހަތެމް ބެން އާފާ ނަގައިދިން ހުރަހަކުން ސްވެން ބޮޓްމަން ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީން ވަނީ އަލުން ލީޑު ނަގާފައެވެ. ލިއޮނެލް މެސީ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕްރެސްނެލް ކިމްޕެމްބޭއެވެ. އަދި އޭގެ ހަ މިނެޓު ފަހުން މެސީ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޑެނީލޯ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ދެން މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަހައިދިނީ ކީލިއަން އެމްބާޕޭއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 23 މެޗުން ޕީއެސްޖީއަށް 56 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭއަށް 23 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ލިލް އޮތީ ތާވަލުގެ 11 ވަނައިގައި 23 މެޗުން 32 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ