ރެއާލަށް ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ބާސާ ހަތަރުވަނައަށް

ކުޅިވަރު

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ގްރަނާޑާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި އިރު،ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ބާސެލޯނާ ޖެހިލިފިއެވެ.

ރެއާލުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ގްރަނާޑާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު ރެއާލުން ކުޅެފައިވަނީ އެ ޓީމުގެ ތަރި ކަރީމް ބެންޒެމާ އާއި، ވިނީޝިއުސް ޖޫނިއާ އާއި، ކަސެމީރޯ އަދި ލޫކަސް ވަޒްކޭޒް ނުލައެވެ. އެކަމަކު މި މެޗުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންފޮސްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މި މޮޅާއެކު ރެއާލުން ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ކުޅުނު 23 މެޗުން ރެއާލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް ބެޓިސްއަށް 22 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ އެތުލެޓިކޯ އަތުން ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މިދިޔަ ޖެނުއަރީ މަހު ބާސާއާ ގުޅުނު އެޑަމާ ޓްރައޯރޭ ކުޅުނުއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕިއޭ-އެމެރިކް އޮބާމަޔަންވެސް ވަނީ ކުޅެން އަރާފައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އެތުލެޓިކޯއިން ލީޑު ނެގިއިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރާސްކޯއެވެ.

އެކަމަކު އޭގެ ފަހުން ކުޅުން ރަނގަޅުކޮށް، ބާސާއިން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އެތުލެޓިކޯއިން ލީޑު ނެގިތާ ދެ މިނެޓު ފަހުން ބާސާއިން ނަތީޖާ އެއްވަރުކުރިއިރު، އަލްވޭސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއިރު، ޓްރައޯރޭ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަވީއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރޮނާލްޑް އަރައުހޯ ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ އަލްވޭސްއެވެ. އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އެތުލެޓިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ބާސާގެ އަލްވޭސްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ އެތުލެޓިކޯގެ ކަރަސްކޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މީގެ އިތުރުން އެތުލެޓިކޯ ބަލިކޮށް ބާސާ ހަތަރުވަނައަށް ޖެހިލިއިރު، އެ ޓީމަށް ވަނީ 22 މެޗުން 38 ޕޮއިންޓް ލިބިފައެވެ. އެތުލެޓިކޯއަށް 22 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ