ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ކުރީގެ ރައީސް ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ޔާމީންގެ ވަކީލުން ވަނީ ދައުވާތައް ސާފު ނުވާ ކަމަށާއި އެގޮތުން ރިޝްވަތުގެ ގޮތުގައި ޔާމީން ކުރީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އާރަށުގެ މައްސަލާގައި ނުފޫޒު ފޯރުވަން ޔާމީން ކުރި ކަމަކީ ކޮބައިތޯ ވެސް ސުވާލު ކުރެއްވިއެވެ.
ޔާމީންގެ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނީ އާރަށް ހޯދީ ޔާމީނާއެކު “ޑީލެއް” ހަދައިގެންކަން ދޭހަވާ ފަދަ ގޮތަކަށް އެ މައްސަލާގައި ޝާމިލުވާ ޔޫސުފް އަދީބަށް ކުރި މެސެޖެއް ކޮށްފައިވާ ކަމަށެވެ. އަދި ޔާމީނަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެ މަގާމަކީ އެފަދަ ކަމަކަށް ނުފޫޒު ފޯރުވުމަށް އެކަށީގެންވާ މަގާމެއް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.
މީގެކުރިން ޔާމީންގެ ފަރާތުން އެ މައްސަލަ ލައިވް ކޮށްދޭން އެދިފައިވެއެވެ. މިއަދުވެސް ވަނީ އެކަން ކޮށްދިނުމަށް އެދިފައެވެ. އަދި އެކަން ކުރާނެ ވަސީލަތްތައް ކޯޓުގައި ނެތް ނަމަ އަމިއްލަ ފަރާތަކަށް ހަވާލު ކޮށްގެންވެސް މައްސަލަ ލައިވް ކޮށްދިނުމަށް ވަނީ އެދިފައެވެ. އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ މައްސަލަ ލައިވް ނުކުރެވެނީ އެކަމަށް ބޭނުންވާ މުވައްޒަފެއް ނެތުމުން ކަމަށެވެ. ނަމަވެސް މުވައްޒަފަކު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހަމަޖެހުމާއެކު ލައިވް ކުރާނެ ކަމަށެވެ.