ޕީއެސްޖީ ރެއާލް އަތުން މޮޅެއް، ސިޓީއަށް ފަސޭހަ މޮޅެއް

ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީން ރެއާލް މެޑްރިޑް ބަލިކުރިއިރު، ސްޕޯޓިން ލިސްބަން އަތުން މެންޗެސްޓާ ސިޓީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ޕީއެސްޖީން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ފަހު ވަގުތު ކީލިއަން އެމްބާޕޭ ޖަހައިދިން ލަނޑުން 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށައިގެން ޕީއެސްޖީން ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 17 ވަނަ މިނެޓުގައި ޕީއެސްޖީގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުޅިން ހުހަށްހުރެ އެމްބާޕޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ޓިބައޯ ކޯޓުއާއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގަން ޕީއެސްޖީގެ ލިއޮނަލް މެސީއަށްވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފައިގެން ޕީއެސްޖީން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީގެ ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ ރެއާލްގެ ޑިފެންޑަރު، ކާވަހާލް އޭރިއާ ތެރެއިން އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މީގެ އިތުރުން މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕީއެސްޖީގެ ތަރި ނޭމާއަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޕީއެސްޖީން މެޗުގައި ލީޑު ނެގީ އިތުރު ވަގުތުގައެވެ. ރެއާލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. މިއީ ނޭމާގެ އެހީތެރިކަމާއެކު އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.

ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މާޗު މަހުގެ 9 ވަނަ ދުވަހުގެރެޔެވެ. މި މެޗު ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ސިޓީން، ސްޕޯޓިން އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު، ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ކެވިން ޑިބްރޭނާގެ އެހީތެރިކަމާއެކު މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒްއެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްފައެވެ. ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. މިއީ މާރޭޒްގެ އެހީތެރިކަމާއެކު ފޯޑެން ކާމިޔާބު ކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެނާޑޯ ސިލްވާ ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ ރަހިމް ސްޓާލިންގެ އެހީތެރިކަމާއެކު ސިލްވާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސިޓީން ސްޕޯޓިންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހަމަލާތަކުގެ ހުރަހަކަށްވީ ސްޕޯޓިންގެ ޑިފެންޑަރުންނެވެ. އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި ސްޓާލިން ވަނީ ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ސިލްވާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ސިޓީ އާއި ސްޕޯޓިން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މާޗު މަހުގެ ނުވަވަނަ ދުވަހުގެރެޔެވެ. މި މެޗު ކުޅޭނީ ސިޓީގެ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ