ސަލްޒްބާގް އަތުން ބަޔާން އެއްވަރުވިއިރު، ލިވަޕޫލް ކުއާޓާއާ ގާތަށް

ކުޅިވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި، ފަހު ވަގުތު ރެޑްބުލް ސަލްޒްބާގް އަތްދަށުން ބަޔާން މިއުނިކް ސަލާމަތްވިއިރު، އިންޓަ މިލާން ބަލިކޮށް ލިވަޕޫލުން ސެމީއާ ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު ބަޔާނުން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މުޅި މެޗުހެން ބަޔާނުން ކޮންޓްރޯލްކޮށްގެން ކުޅެމުން ދަނިކޮށް ސަލްޒްބާގުން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗުކްވުބުއީކޭ އަޑާމޫއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ސަލްޒްބާގަށް ލީޑު ކުރަން އިތުރު ފުރުސަތެއް ލިބުނުއިރު، ކަރީމް އަޑޭމީ ފޮނުވާލި ހަމަލާ ބަޔާންގެ ކީޕަރު ސްވެން އުލްރެއި ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުން އެއްވަރުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ބަޔާންއަށް ކާމިޔާބު ކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. މިއީ ތޯމަސް މުލާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ސަލްޒްބާގުން ބަޔާން އާއި ދެކޮޅަށް ކުޅުނު މި މެޗުގެ އެ ޓީމުގެ އެވްރެޖު އުމުރަކީ 21 އަހަރެވެ. މިއީ 2003 ވަނަ އަހަރަށްފަހު އަޔަކްސްއަށް ފަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗަކަށް ނެރުނު އެންމެ ޒުވާން ޓީމެވެ.

މި ހަފްތާގައި ޖަރުމަނު ލީގުގައި ބަޔާން ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. ބޯކުމް އަތުން ބަޔާން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.

ދިހަ އަހަރަށްފަހު އިންޓައިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ކުޅުނު މެޗުން ލިވަޕޫލް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓައަށް ލީޑު ނަގަން ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ތުރުކީ މިޑްފިލްޑަރު ހަކަން ޗަނޮނޮގްލޫ ޖެހި ބޯޅަ ބޭރުވީ ހުރަސް ދަނޑީގައި ޖެހިފައެވެ. އޭގެ ފަހުން އޭރިއާ ރޮނގުކައިރިން އިތުބާރު ފޯވާޑް ލަޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި ލިވަޕޫލުން ލީޑު ނެގީ މެޗުގެ ފަހު 15 މިނެޓު ތެރޭގައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރޮބާޓޯ ފިރްމީނޯއެވެ. މިއީ އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭފެ އަށް މިނެޓު ފަހުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ އިތުބާރު ފޯވާޑް މުޙައްމަދު ސަލާހުއެވެ.

މި ނަތީޖާއާއެކު އަންނަ މަހުގެ ނުވަވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައި ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް ކުއާޓާ ފައިނަލުގެ ޖާގަ ލިވަޕޫލަށް ކަށަވަރުވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ