ޅ. ނައިފަރުގައި ސަރުކާރުން އެޅި 100 ހައުސިންގ ޔުނިޓްތައް އެރަށު ކައުންސިލާއި ހަވާލްކޮށްފިއެވެ. މި ފްލެޓްތައް ހަވާލްކޮށްދީފައިވަނީ އެކަމަށްޓަކައި އެރަށުގައި ހައުސިންގ ޔުނިޓްތައް ގާއިމްކޮށްފައިހުރި ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެފްލެޓްތަކަކީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނައިފަރުގައި އިމާރާތްކުރެވުނު 100 ހައުސިންގ ޔުނިޓް ކަން ފާހަގަ ކުރެއްވިއެވެ.
އޭގެ ސަބަބުން އެރަށުގައި ގެދޮރުވެރިކަންނެތް އެތަކެއް އާއިލާއެއްގެ ތެރެއިން ބައެއް އާއިލާ އަށް ހައްލު ލިބިގެން ދާނެ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ފްލެޓް ތަކަކީ ތިން ކޮޓަރީގެ 1000 އަކަފޫޓުގެ 100 ފްލެޓް ކަމުގައި ވިދާޅުވަމުން ރައީސް ވިދާޅުވީ ގިނަ އާއިލާތައް އެކީ ދިރިއުޅެމުން ދާކަމަށާއި އެހެންކަމުން އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ އެޕާޓްމެންޓްގައި ހިތްހަމަޖެހިގެން ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުގައި ނައިފަރާއި ހިންނަވަރުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ޅ. މާފިލާފުށިން އެ ދެ ރަށުގެ ރައްޔިތުންނަށް ގޯތި ދޭން އުޅުނުކަން ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ 90 އަހަރު ކުރިން ވެސް ހަމަ އެ މައްސަލަ އޮތް ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.
އެގޮތުން މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރިއަށްގެންދަވާކަމަށާއި އޭގެތެރެއިން 8 ރަށެއްގައި މަސައްކަތް 970 ފްލެޓްގެ މަސައްކަތް މިހާރުވަނީ ޓެންޑަރ ކުރެވިފައި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.