މީގެ 15 އަހަރު ފަހުން ނަގާ ގޮތަށް، ކ. ހުރާ ސްކޫލްގައި އިއްޔެ ޓައިމް ކެޕްސުލްއެއް ވަޅުލައިފި އެވެ. މީ އެސްކޫލް ތާރީހުގައި ޓައިމް ކެޕްސުލްއެއް ވަޅުލި ފުރަތަމަ ފަހަރެވެ. އެ ކެޕްސުލް ނަގަން ނިންމާފައި ވަނީ އެ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް، 2037 ވަނަ އަހަރު އެވެ. މި ޓައިމް ކެޕްސުލްގައި ތިން ފޫޓް ހުރެ އެވެ.
ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އިއްޔެ އެ ކެޕްސުލް ވަޅުލީ އެ ސްކޫލްގައި މިހާރު ހަދަމުން އަންނަ އާ އިމާރާތާ ކައިރީގަ އެވެ. އެ ކެޕްސުލް ވަޅުލީ ސްކޫލް އިސްވެރިންނާއި މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން އަދި ބެލެނިވެރިން ބައިވެރިވެގެންނެވެ.
އެ ކެޕްސުލްގައި ހިމެނޭ ބައެއް އެއްޗެހި
- ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންކަމާއި މުސްތަގުބަލުގައި އަދާކުރަން ބޭނުންވާ ވަޒީފާ އާއި އެ ކުދިން ޝުއޫރުތައް ހިމެނޭ ސިޓީތަކާއި ނޯޓްތައް.
- ސްކޫލްގެ ކޮންމެ ގްރޭޑެއްގެ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންނާއި އަދި އިމާރާތުގެ ފޮޓޯތައް.
- ސްކޫލްގެ ތާރީހާ ގުޅޭ ބައެއް ލިޔުންތަކުގެ ކޮޕީ.
- ދަރިވަރުންނާއި ގުޅޭ ބައެއް ތަކެތީގެ ތެރެއިން ސޭޝް އާއި ތައްގަނޑާއި އަދިވެސް އެ ކަހަލަ ބައެއް އެެއްޗެހި
ކޮވިޑް-19ގެ ވަބާގެ ބައެއް ހަނދާންތައް ވެސް އޭގައި ހިމެނުމުގެ ގޮތުން، ހޭންޑް ސެނިޓައިޒާ އާއި އަންގި އާއި މާސްކާއި އަދި ސާމްޕަލް ކިޓެއް ވެސް އެއަށް ލައިފައިވެ އެވެ.
ފައުންޑޭޝަނުން ފެށިގެން ގުރޭޑް ދިހައަކާ ހަމައަށް، 270 އެންހާ ދަރިވަރުން ހުރާ ސްކޫލްގައި ކިޔަވަމުން ގެންދެއެވެ.