މާފުށީ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 03 ކޯޓް ރޫމްގެ އަދަދު 05 ށް އިތުރުކޮށް، މިއަދު ބޭނުންކުރަން ފަށައިފިވެ.
މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ ގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
ކަރެކްޝަންސް އިން ބުނީ މި ކޯޓް ރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަޤްޞަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ޙާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުން ކަމަށެވެ.
މިގޮތުން މި ކޯޓް ރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށް ވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
މި ފަސް ކޯޓު ރޫމްތަކުގެ ސަބަބުން ދުވާލަކަށް 25 ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ އެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެ އެވެ.