އއ.ބޮޑުފޮޅުދޫގައި ފުޅާދާއިރާއެއްގައި އެކިއެކި ހަރަކާތްތައް ހިންގަމުން އަންނަ އެރަށު އާރުބީޖީ ސްޕޯރޓްސް ކުލަބުން އއ. ބޮޑުފޮޅުދޫ ސްކޫލްގެ އިންޓަރ ހައުސް ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް ހިންގުމާއި ހަވާލުވެ އިއްޔެ އެމުބާރާތް ފަށައިފިއެވެ.
މުބާރާތާއި ބެހެޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ސްކޫލްގެ އިންޓަރހައުސް ފުޓްސަލް މުބާރާތް އެކުލަބުން ހިންގާ މީ ދެވަނަ އަހަރުކަމަށާއި، މިއަހަރުވެސް އެކުލަބުގެ އަހަރީ ޕްލޭންގައި ފުޓްސަލް މުބާރާތް ހިމަނާފައިވާކަމަށާއި ނަމަވެސް ސްކޫލްގެ ރިކުއެސްޓާއި އެކު ހޭންޑްބޯލް މުބާރާތާއި އެކު ހިންގުމަށް ހަވާލު ވީކަމަށެވެ.
ނަސީމް ވިދާޅުވީ 25 ޑިސެމްބަރ 2019 އިން ފެށިގެން މިކުލަބުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ހިންގަމުން އަންނަކަމަށާއި، ރަށުގެ އެކިއެކި މުވައްސަސާތަކާއި ގުޅިގެން އަދި މުވައްސަސާތަކުން ހުށައަޅާ ކަންކަން އެންމެ ގާތުން ކޮށްދޭ ކުލަބެއްގެ ގޮތުގައި އަބަދުވެސް ދެމިތިބުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އިންޓަރ ހައުސް އާރުބީޖީ ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް ފެށުމަށްޓަކައި އިއްޔެ ހަވީރު ބޮޑުފޮޅުދޫ ހޭންޑްބޯލް ކޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހިންގާކޮމިޓީގެ މެމްބަރުންނާއި، ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް އާއި ސްކޫލްގެ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގައި އިއްޔެ ފުރަތަމަ ކުޅެވުނު ހޭންޑްބޯލް މެޗްގައި ބައްދަލުކުރީ ފުނަ ހައުސް އާއި ކާނި ހައުސްއެވެ. މިމެޗްގެ ޝަރަފުވެރި ކޮށްދެއްވައި މެޗް ފައްޓަވައި ދެއްވީ ބޮޑުފޮޅުދޫ ސްކޫލްގެ ލީޑިންގް ޓީޗަރ މަދީހާ އަހުމަދެވެ. މިމެޗް 4-7 ން ކާމިޔާބު ކުރީ ފުނަަހައުސް އެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފުނަހައުސްގެ ޖޯޒީ ނަންބަރ 9 އައިމިނަތު ލަހްފާ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ސެޓްފިކެޓާއި އިނާމު ހަވާލުކޮށްދެއްވީ އެމެޗްގެ ޝަރަފުވެރި މެހެމާން މަދީހާ އަހުމަދެވެ.
ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ހޭންޑްބޯލް މެޗުގައިވެސް ބައްދަލުކުރި ފުނަހައުސް އާއި ކާނިހައުސް އެވެ. މިމެޗް ޝަރަފުވެެރި ކޮށްދެއްވާ މެޗްފައްޓަވައި ދެއްވީ ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްެއެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗް 0-3 ން ކާމިޔާބު ކުރީ ކާނިހައުސް އެވެ. މެޗްގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު ގްރޭޑް 6 ގެ ދަރިވަރު ކާނިހައުސްގެ ޖާރޒީނަންބަރ 17 އާދަމް ހައްސާންއަށް ސެޓްފިކެޓާއި އިނާމު ހަވާލުކޮށްދެއްވީ ސްކޫލް ޕްރިންސިޕަލް މޫސާ ނިމާލްއެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބުން މައުލޫމާތު ދީފައިވާގޮތުގައި މިމުބާރާތުގެ މެޗްތައް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ. އަދި މާދަމާ ހަވީރުވެސް ހޭންޑްބޯލް އަދި ފުޓްސަލް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލް ވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބުން ސްކޫލްގެ ރިކުއެސްޓަށް މިމުބާރާތް ހިންގާދޭތީ އެކުލަބުގެ ހިންގުންތެރިންނަށް ޝުކުރުއަދާކޮށްފައެވެ.