ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދިޔަ ނަމަވެސް ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ނުކުރާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދާ ދިއުމާއި ގުޅިގެން ރާއްޖެއިންވެސް ތެޔޮ އަޅައިގެން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުން އަގުބޮޑު ކުރުމަށް ނިންމާފައިވާތީ ސްޓެލްކޯއިން ކަރަންޓުގެ އަގު ބޮޑުކޮށްފާނެތޯ އާންމުންގެ ސުވާލުތަކެއް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޝަރީފް ވިދާޅުވީ ތެލުގެ އަގު ބޮޑުވަމުން ދިޔަ ނަމަވެސް ސްޓެލްކޯއިން ފޮރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ނިންމާފައި ނުވާކަމަށެވެ. ސަރުކާރުންވަނީ ފްލެޓް ރޭޓެއްގައި ސްޓެލްކޯ އަށް ތެޔޮ ފޯރުކޮށް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ސްޓެލްކޯއަކީ މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއް ރަށްތަކުގައިވެސް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކުންފުންޏެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ، އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14 ރުފިޔާ 60 ލާރިއަށެވެ. ޑީސަލް ލީޓަރެއް އުޅެނީ 14 ރުފިޔާ 80 ލާރިއަށެވެ.
މިއީ ޕެޓްރޯލް ލީޓަރަކުން ދެ ރުފިޔާ 54 ލާރި އަދި ޑީސަލް ލީޓަރަކުން ދެ ރުފިޔާ 36 ލާރީގެ ބޮޑުވުމެކެވެ.
ކުރިން ޕެޓްރޯލް ލީޓަރެއް 12 ރުފިޔާ ހަ ލާރިއަށް ވިއްކި އިރު، ޑީސަލް ލީޓަރެއް 12 ރުފިޔާ 44 ލާރިއަށް ވިއްކި އެވެ.