ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހުން ވެސް ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން ނިންމައިފި އެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ދެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ޓުއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ކޮވިޑް- 19 އަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ރާއްޖޭން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.