ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް 2022 އއ.އަތޮޅު ބުރުގައި، ރޭ އއ.އަތޮޅު ބުރުގައި ބޮޑުފޮޅުދޫ އާއި މަތިވެރި ބައްދަލުކުރި މެޗު އަމާން އޮމާންކަމާ ކުރިއަށް ދަނިކޮށް، ދެވަނަ ހާފް ފެށި ހިސާބުން މަތިވެރީ ޓީމްގެ ސަޕޯޓަރުންނަށް ނިސްބަތްވާ ބަޔަކު އެކި ފަހަރުމަތިން ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ހަޑި ހުތުރު ބަހުން މުހާތަބު ކުރަމުން ދިޔަ އިރުވެސް އެކަން ހުއްޓުވަން ބަޔަކު މަސައްކަތްކޮށްފައި ނުވާކަމީ މައްސަލަ ބޮޑުވެ ހޫނުވާން މެދުވެރިވި ސަބަބު ކަމުގައި ދެކޭކަމަށް ބޮޑުފޮޅުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރޭ މަތިވެރީގައި ކުރިއަށް ދިޔަ މެޗަށްފަހު ހިނގައި ދިޔަ ހަމަނުޖެހުމާއި ގުޅޭ ގޮތުން ބޮޑުފޮޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ކަން މިހެން ހިނގަމުން ދިޔައިރު، މެޗް ނިމުނު ތަނުން ބޮޑުފޮޅުދޫ ފުޓްސަލް ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ހިމަނާފައިވާ 18 އަހަރު ނުފުރޭ ކުއްޖަކަށް ދަނޑު ބޭރުން ގޮވައި ހިންގި މުޢާމަލާތެއް ހިންގުމަށްފަހު، މަތިވެރި ސަޕޯޓަރުންގެ ގޮތުގައި ތިބި ބަޔަކު ދަނޑަށްވަދެ އެ ކުޅުންތެރިޔާއަށް ހަމަލާދީ ހަމަ ނުޖެހުން ހިންގަމުން ދިޔަ ވަގުތު ބޮޑުފޮޅުދޫ ސަޕޯޓަރުން ފުރުމަށް ބަނދަރަށް ދިއުމުގެ މަގުމަތީގައި ވާކަން ފާހަގަކުރާކަމަށެވެ.
“މެޗް އަމާންކަމާއި އޮމާންކަމާއެކު ނިންމާފައިވަނިކޮށް، މެޗް ނިމުނު ހިސާބުން ދަނޑު ސަރަހައްދުގައި ހިނގައި ދިޔަ ހަމަނުޖެހުމާއި ގުޅިގެން ބޮޑުފޮޅުދޫ ޓީމާއި ސަޕޯޓަރުންނަށް ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައި ނުވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ބަނދަރުގައި އިތުރަށް ހަމަ ނުޖެހުން ހިނގުމަށް މަގުފަހިވެގެން ދިޔަ ކަމަކަށެވެ. މި ހިނގާ ދިޔަ ހަމަނުޖެހުމުގައި ބޮޑުފޮޅުދޫ ފުޓްސަލް ޓީމްގެ ކުޅުންތެރިންނަށާއި، މޭނޭޖަރަށާއި ސަޕޯޓަރުންނަށް ލިބުނު ގެއްލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި މި ހަމަނުޖެހުމުގައި މަތިވެރީގެ ލޮބުވެތި ރައްޔިތަކަށް ލިބިގެން ދިޔަ ގެއްލުމަކީވެސް މިކައުންސިލުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަމެކެވެ.” ބޮޑުފޮޅުދޫ ކައުންސިލުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބޮޑުފޮޅުދޫ ކައުންސިލުގެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ މިފަދަ އަމަލުތަކީ މިކައުންސިލުން އެއްވެސް މާނައެއްގައި ތަރުހީބު ދޭނެ ކަންކަމެއް ނޫންކަމަށެވެ. މި ހަމަނުޖެހުމުގައި ހިނގާ ދިޔަ ކަންކަން ކަމާގުޅޭ އެންމެހައި އިދާރާތަކުން ބަލައި ދިނުމަކީ މިކައުންސިލުގެ ވަރަށްވެސް ބޮޑު އެދުމެއްކަމަށެވެ. އަދި މި ދެކައުންސިލަކީ އަވައްޓެރި ދެކައުންސިލެއް ކަމުގައި ވީއިރު، ރޭގައި ހިނގާ ދިޔަ ހަމަ ނުޖެހުމާއި ގުޅިގެން، ދެ ރައްޔިތެއްގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި އިތުރަށް ހަމަނުޖެހުން އޮންނާނޭގޮތަކަށް ޖަޒުބާތީ އޮއިވަރެއްގައި މަތިވެރީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބީ އަމަލެއްކަން ފާހަގަ ކުރައްވާކަމަށް ބޮޑުފޮޅުދޫ ކައުންސިލުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
“އަދި ކުރިއަށް އޮތް މެޗްތަކުގައި ބޮޑުފޮޅުދޫ ޓީމާއި އޮފިޝަލުން މަތިވެރިއަށް ނުދިއުމަށް މަތިވެރީ ކައުންސިލުން އެދިފައިވާއިރު، ރައްކާތެރިކަން ކަށަވަރުކޮށްދެވެން ނެތްކަން ބަޔާންކޮށްފައިވުމީ ހޮސްޓްކުރާ ރަށެއްގެ ހައިޞިއްޔަތުން ކޮއްފައިވާ ޒިންމާދާރުކަން ކުޑަ ނާތަހުޒީބީ އަމަލެއްކަންވެސް ފާހަގަކޮށް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުން ދެރަށެއްގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމަށް ބުރޫ އެރުމަށް މަގުފަހިވެގެންދާނެއެވެ. މި ފަދަ ނާތަހުޒީބީ ނޫސް ބަޔާނަކުން ބޮޑުފޮޅުދޫގެ ޒުވާނުންނަށް ކުޅިވަރުގައި ހޯދައިދޭން މިކައުންސިލުން ކުރަމުންގެންދާ މަސައްކަތަށް ކުޑަވެސް ހީނަރުކަމެއް ނާންނާއެވެ. އަދި ހޯދައިދޭންޖެހޭ ރައްކާތެރިކަން ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ފުރިހަމައަށް ހޯދާދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.” ބޮޑުފޮޅުދޫ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ވިދާޅުވީ ރޭގައި ހިނގައި ދިޔަ ހަމަ ނުޖެހުމާއި ގުޅިގެން، އިތުރަށް ދެރަށުގެ ދެމެދުގައިވާ ގުޅުމަށް ހީނަރުކަން އަންނާނޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރައްވާކަމަށާއި އަދި ބޮޑުފޮޅުދޫއަށް އަރާ ފޭބުމަށް ބޭނުންވާ މަތިވެރީގެ އެއްވެސް ލޮބުވެތި ރައްޔިތަކަށް، އަދި ޓީމަކަށްވެސް އެއްވެސް ހިނދެއްގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަޤީންކަމާއި ފުރިހަމަ މެހެމާންދާރީ އާއި ރައްކާތެރިކަން ދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި ހަމައެހެންމެ ރަށަށް އަރާފައިބާ ކޮންމެ މީހަކަށް ބޮޑުފޮޅުދޫން ލިބެންޖެހޭ ރައްކާތެރިކަން ބޮޑުފޮޅުދޫގެ ރައްޔިތެއް ފަދައިން ކައުންސިލުން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް ކައުންސިލުގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.