ބަހާއި ހިސާބު އިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިއްމު ހުނަރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރިވަރުންނަށް ކާމިޔާބު ކަމާއިއެކީ ކުރިއަށް ދެވޭނެ ތަޅުދަނޑިއަކީ ދަރިވަރުންގެ މާދަރީ ބަސް ރަނގަޅު ކުރެވުމެވެ.
އެގޮތުން ތަންފީޒު ކުރެވިގެންދިޔަ މި އިސްތިރާޖުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިސްވެރިންނާ، މުދައްރިސުން އަދި ބެލެނިވެރިންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ބަހާއި ހިސާބު ޢިލްމު އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި އިލްމުގެ ފުރިހަމަ ބިންގަލެއް އެޅިގެންނޫނީ ފޭރާން ހެޔޮ ތަޢުލީމެއްގެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.