އިންޑިއާއިން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމެންޓަކުން 17 ކިލޯގެ ކަސްޓަމްސް އިން ޑްރަގް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، 20 މާރިޗު 2022 ވަނަ ދުވަހު ކަސްޓަމްސް އިން އެ ޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ބަލާފާސްކުރެވުނު ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ “އޯގަނިކް ފާރޓިލައިޒަރ” ގެ ގޮތުގައި ކަމަށާއި އެ ޝިޕްމަންޓުގައި ހުރި “އޯގަނިކް ފާރޓިލައިޒަރ” ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
ކަސްޓަމްސައިން ބުނީ ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް
(ހަޝިޝް އޮއިލް) އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 13،600،000.00 (13 މިލިއަން ހަލައްކަ) ރުފިޔާއަށް އަރާ ކަމަށެވެ.
މިމައްސަލައިގައި ކަސްޓަމްސްއިން ހޯދާފައިވާ 17 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލު ކުރެވިފައިވާ ކަމަށާއި އެސަރވިސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 4 މީހެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.