އައްޑޫ ސިޓީގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ރާއްޖެ ގެނެސް އިންސްޓަލޭޝަން މަސައްކަތް ފަށައިފިއެވެ. މިޕްލާންޓް ޑިޒައިން ކޮށް މެނިފެކްޗަރ ކޮށްފައިވަނީ ރާއްޖެއިން ބޭރުގައެވެ.
ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ “ވޭސްޓް ޓު އެނަރޖީ” ނިޒާމު ޤާއިމުކުރަނީ އައްޑޫ ސިޓީގައެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދަށް އަމާޒުކޮށްގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކުރިއަށް ގެންދާ އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ރާއްޖެ ގެނެސް އިންސްޓަލޭޝަން މަސައްކަތްވަނީ ފަށާފައެވެ. މިޕްލާންޓް ރާއްޖެ ގެނެސްފައިވަނީ ރާއްޖެއިން ބޭރުގައި ޑިޒައިން ކޮށް މެނިފެކްޗަރ ކުރުމަށްފަހުއެވެ.
މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ. 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސލިޓީ ހިންގަން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.
އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗަރއިންނެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މިއީ ގްރީން ފަންޑުން ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭނުންވާ އިންސިނަރޭޓަރުތައް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައެވެ.
މިއީ ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިއާއެކު ތިމާވެށީގެ ގޮތުގައި ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.